ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަށްޓަކައި 22 ރަށެއްގައި ކުނި މެނޭޖުކުރާ ވަސީލަތްތައް ޤާއިމްކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ތޯރިޤް ވިދާޅުވީ ރަށު ފެންވަރުގައި ކުނި މެނޭޖުކުރާ ވަސީލަތްތައް ޤާއިމްކޮށްދިނުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މިވަގުތު ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އެގޮތުން ކުނި މެނޭޖުކުރުމުގެ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް އެކި މަރުޙަލާގައި 51 ރަށެއްގައި ކުރިއަށްދާ ކަމަށް ތޯރިޤް ވިދާޅުވިއެވެ.
ތޯރިޤް ވިދާޅުވީ 22 ރަށެއްގައި ކުނި މެނޭޖުކުރުމުގެ ވަސީލަތްތައް މިހާރު ޤާއިމްކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުން އަންނަނީ ވަސީލަތްތައް ޓެސްޓުކުރުމުގެ މަސައްކަތް ކަމަށް ތޯރިޤް ވިދާޅުވިއެވެ.
ތޯރިޤް ވިދާޅުވީ ގޭގެއިން ކުނި ނެގުމާއި ކުނި މެނޭޖުކުރުމަށް ބޭނުންވާ އުޅަނދުތައްވެސް ރަށް ރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް 76 ރަށަކަށް އުޅަނދުތައް ފޮނުވާފައިވާ ކަމަށް ތޯރިޤް ވިދާޅުވިއެވެ.



