އެކަކަށް އެންމެ ބީލަމަކަށްވުރެ ގިނައިން ހުށަހެޅޭ ގޮތަށް ތިލަފުށިން މިހާރު ބިން ގަނެވޭނެ ކަމަށް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ،
އެޗްޑީސީން ބުނީ ކުރިން އުސޫލުގައިވާގޮތުން ކޮންމެ މީހަކަށްވެސް ހުށައެޅޭނީ އެންމެ ބީލަމެކެވެ. ނަމަވެސް މިހާރު މި ގެނައި ބަދަލުގެ ސަބަބުން ބީލަން ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ތިލަފުށި ފޭސް ދޭކުން ސިނާޢީ ބޭނުމަށް ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވާލާފައިވާ ފުރުޞަތުގައި، ކޮންމެ މީހަކަށްވެސް އެއް ބީލަމަށްވުރެ ގިނަ ބީލަން ހުށައެޅޭގޮތަށް އުސޫލަށް ބަދަލު ގެނައިއިރު، އެންމެ ކުޑަކޮށް އަކަފޫޓަކަށް ހުށަހެޅޭނީ 17 ރުފިޔާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ. އަދި މިގޮތަށް ހުށައަޅާއިރު، ހުށައަޅާ ކޮންމެ ބީލަމުގެ އަދަދަކީ އެ ވަގުތެއްގައި އެންމެ މަތިން ހުށައަޅާފައިވާ އަގަށްވުރެ މަދުވެގެން 15ރުފިޔާ ބޮޑު ޢަދަދެއް ކަމުގައި ވާންޖެހޭނެއެވެ.
މީގެ އިތުރުން، ބީލަން ހުށައަޅާއިރު ސްކްރީންގައިވާ "15+" އޮޕްޝަންއިން އެވަގުތެއްގައި އެންމެ މަތިން ބީލަށް ހުށައަޅާފައިވާ އަގަށް، 15 ރުފިޔާ އިތުރުކޮށް ބީލަށް ހުށައެޅޭނެއެވެ. މީގެއިތުރުން އަދަދު ޖެހުމަށް ޚާއްސަކޮށްފައިވާ ގޮޅި ބޭނުންކޮށް އެ ވަގުތެއްގައި އެންމެ މަތިން ހުށައަޅާފައިވާ އަގަށް، 15 ރުފިޔާއަށްވުރެ މަތިން އެފަރާތަކުން އިޚްތިޔާރުކުރާ ކޮންމެ އަދަދެއް އިތުރުކޮށްގެންވެސް ބީލަން ހުށައެޅޭނެއެވެ. މިގޮތަށް ފުރުޞަތު ދީފައިވަނީ ބީލަން ކާމިޔާބުކުރުމުގެ ފުރުޞަތު ބޮޑުކޮށްދިނުމުގެގޮތުންކަމަށް އެޗްޑީސީން ބުންޏެވެ.
ވިޔަފާރީގެ އެކި ބޭނުންތަކަށް 108 ބިން ތިލަފުށިން މިފަހަރު ވިއްކުމަށް ހަމަޖެހިފައިވާއިރު އެޗްޑީސީން ވަނީ ތިލަފުށީގެ ބިންތަކުގެ ކުލި ހުރި މިންވަރު ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.



