އަންނަ އޮގަސްޓްމަހު ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފެށޭނެކަމަށް ލަފާކުރެވޭ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ބުނެފިއެވެ.
އެކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝިމާދު އިބްރާހީމް ބުނީ ބަންކަރިން ހިދުމަތް ދިނުމަށް ކުރިންވެސް ބުނި ތާރީހަށް ހުރިހާކަމެއް ހަމަޖެހިގެންދާނެ އެވެ.
"މާރޗުމަހު ޓާރމު ޝީޓުގައި ސޮއިކުރި އިރުވެސް ބުނެފައިވާނީ 6 މަސްދުވަސްތެރޭ ފެށޭނެ ކަމަށް، 6 މަސް ދުވަސްވާނީ މިއަންނަ ސެޕްޓެމްބަރަށް، އެއަށްވުރެ ކުރިން މިއަންނަ އޮގަސްޓުމަހު ތެރޭގައި މިބަލަނީ އަމަލީ މަސައްކަތް ފެށޭތޯ." ޝިމާދު ވިދާޅުވިއެވެ.
އެސްޓީއޯއިން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފަށަން ތައްޔާރުވެފައިވާއިރު، އެކުންފުނިން ވަނީ ފައިދާ ނުވާތީވެ ބައެއް މަސައްކަތްތައް ދޫކޮށްލާފަެވެ. އޭގެތެރޭގައި ހުޅުމާޅޭގައި ހުރި ޓޫރިސްޓް ހޮޓަލަކާއި އެސްޓީއޯއިން އަޅަން އުޅުނު ފުށް ފެކްޓަރީވެސް ހިމެނެއެވެ.



