ޔޫރޯ 2024 އިން ޕޯޗުގަލް އަށް ލިބުނު ނާކާމިޔާބާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް އެކުގައި ވަގުތު ހޭދަކުރަމުންދާ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮއްލައިފި އެވެ.
ޖޯޖީނާގެ އިންސްޓަގްރާމް ސްޓޯރީއެއް ރޮނާލްޑޯ ރީޕޯސްޓު ކޮށްފައިވާއިރު، އެ ފޮޓޯއިން ފެންނަނީ ދެމަފިރިންގެ ރިފްލެކްޝަން ބިއްލޫރިގަނޑަށް އެޅިފައި ހުރި މަންޒަރެވެ. ހުދު ކުލައިގެ ވެލިގޮނޑުދޮށެއްގައި ދެ ބައިވެރިން ތިބި މަންޒަރު ސްޓޯރީއިން ފެންނައިރު އެއީ ސީދާ ކޮން ތަނެއްކަމެއް ނޭނގެއެވެ.
ރޮނާލްޑޯގެ އެންމެ ފަހު ޔޫރޯ ނިންމާލީ ކުއާޓާ ފައިނަލުގައި ފްރާންސް އަތުން ޕޯޗުގަލް ބަލިވެ، ފަސް މެޗުން ވެސް ލަނޑެއް ނުޖެހި އެވެ. މިއީ އޭނާގެ ކެރިއަރުގައި ބޮޑު މުބާރާތެއްގައި ލަނޑެއް ނުޖެހި ނިންމާލި ފުރަތަމަ ފަހަރެވެ.
އާއިލާއާއެކު މޫދުގައި ނަގާފައިވާ ވީޑިއޯއެއްގައި ޖޯޖީނާގެ އިންސްޓަގްރާމް ޕޯސްޓެއްގައި ލިޔެފައި ވަނީ "ފެމިލީ ވެކޭޝަން" އެވެ.
އުމުރުން 39 އަހަރުގެ ރޮނާލްޑޯ 2024 ވަނަ އަހަރުގެ ޔޫރޯގައި ހިތްދަތި ތަޖުރިބާއެއް ކުރި ނަމަވެސް އޭނާގެ ބައިނަލްއަގުވާމީ ކެރިއަރު ކުރިއަށް ގެންދާނެ ކަމާ މެދު އަދި އާއްމުކޮށް އިއުލާނެއް ނުކުރެ އެވެ.
އަންނަ ސެޕްޓެމްބަރު މަހުގައި ޔުއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އާއި ސްކޮޓްލޭންޑާ ދެކޮޅަށް ޕޯޗުގަލް ކުޅޭނެ އެވެ. އޮގަސްޓް މަހު ރޮނާލްޑޯ އަލް-ނަސްރާ އެކު ސައޫދީ ޕްރޯ ލީގުގެ ދެވަނަ ސީޒަންވެސް ފަށާނެ އެވެ. އެ ކުލަބާއެކު ރޮނާލްޑޯ ކޮންޓްރެކްޓް ހަދާފައިވަނީ މި އަހަރުގެ ނިޔަލަށެވެ.



