ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށާއި ދާއިރާގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް 2015 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ރައީސް ޢަބްދުﷲ ޔާމީނު ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި އުފެއްދި ސްޕޯޓްސް ކޯޕަރޭޝަނަކީ ދައުލަތަށް އޮތް ބޮޑު މާލީ ބުރައެއްކަން ސާބިތުވަމުން އެބަދެއެވެ. ޔާމީންގެ ވެރިކަމުގައި ދިވެހި ސަރުކާރުގެ ފުރިހަމަ މިލްކުވެރިކަމުގައިވާ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުފެއްދީ ކުޅިވަރު ކުރިއެރުވުމާއި، ކުޅިވަރު ޗެނަލެއް ތަރައްގީކުރުމާއި، އެތުލީޓުންނަށް ފުރުސަތު ހޯދައިދިނުމަށް ކަމަށް ބުނެއެވެ. ނަމަވެސް އެ ކޯޕަރޭޝަނުން ކުރި ކަމަކީ ފުރޭންޏަކުން ދައުލަތުގެ ތިޖޫރީގައި ފައިސާތައް ފުރާނާލީއެވެ. ކުރީ ކޮން ކަމެއްކަންވެސް ނޭނގެއެވެ.
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއަރުވަން ނޭޝަނަލް ކައުންސިލް ފޯ ސްޕޯޓްސްއާ ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ. އެ ކޯޕަރޭޝަނަށް އާމްދަނީގެ މަސްދަރުތަކަކީ ދައުލަތުގެ ބަޖެޓް ފަންޑާއި، ކުޅިވަރުގެ ގާނޫނުގެ ދަށުން ޓްރާންސްފާ ކުރެވޭ އެސެޓްތަކާއި، އެފަދަ އެސެޓްތަކުގެ އިންވެސްޓްމަންޓުން ލިބޭ ފައިދާއާއި، މޯލްޑިވްސް ސްޕޯޓްސް ޗެނަލްގައި އެއާ ޓައިމް ވިޔަފާރި އުސޫލުން ވިއްކުމެވެ.
މި ބޮޑު ޕްލޭންތަކެއް ގެންގުޅުނު ނަމަވެސް، އެ ކޯޕަރޭޝަން ވަނީ ދައުލަތުގެ މާލިއްޔަތުގައި ހުރި ބާގަނޑަކަށް ވެފައެވެ. އުނގުރިި ޖަހައި ވެސް ފައިސާތައް ބޭރުވުން ހުއްޓުވަން ޖެހުނު ލޯވަޅަކަށް ވެފައެވެ.
އެމްޑީޕީގެ ވެރިކަމުގައިވެސް ސްޕޯޓްސް ކޯޕަރޭޝަންގެ ތެރެއިން ދައުލަތުގެ ފައިސާ ބޭކާރުކުރުން ނޫންކަމެއް ނުކުރެއެވެ. އެއީ އުވާލަންޖެހޭ ތަނެއް ކަމަށް ޢާންމުން ބުނަން ފެށުމުން އޭރުގެ ކުޅިވަރާބެހޭ ވަޒީރު މަހުލޫފުވެސް ހަމަ ހުރެގެން ދެއްކީ ހުސް ވާހަކަ ތަކެވެ. ކުޅުނީ މަޖިލިސް ތެރެއިންވެސް ޑުރާމާއެވެ. މީގެ ސާފު ހެއްކަކީ ، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސް ކޮމިޓީގެ ކުރިމަތީގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ ދެއްކެވި ވާހަކަތަކެވެ. އަހުމަދު މަހުލޫފު ވަނީ ސްޕޯޓްސް ކޯޕަރޭޝަނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުން އެތަން އުވާލާންޖެހޭ ކަމަށް އެއްބަސް ވެފައެވެ. އެއީ ވަގުތުން އުވާލަންޖެހޭ ތަނެކޭ ކިޔައި ވާހަކަ ދެއްކެވިއެވެ.
މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދައުލަތުން އެ ކޯޕަރޭޝަނަށް 36 މިލިއަން ރުފިޔާ ހަރަދު ކުރި ނަމަވެސް އާމްދަނީގެ ގޮތުގައި ލިބުނީ އެންމެ 1.1 މިލިއަން ރުފިޔާ އެވެ. ކުޅިވަރު ތަރައްގީ ކުރިއެރުވުމާއި އެތުލީޓުންނަށް އަގުހުރި ފުރުސަތުތައް ހޯދައިދިނުމުގެ ބަދަލުގައި ދައުލަތުގެ އެތައް މިލިއަން ފައިސާއެއް އިސްރާފު ކޮށްފައި މިވަނީ ރައްޔިތުންނާއި ގުޅުންހުރި ގިނަ އަސާސީ ކަންކަމަށް ފައިސާ ހަރަދު ނުކޮށެވެ.
ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށޭ ކިޔައި އެމްޑީޕީން ޑުރާމާ ކުޅެ ރައްޔިތުންގެ މަޖިލީހުގައިވެސް އެވާހަކަތައް ދެއްކިއެވެ. ޤާނޫނަކުން ބާރުު ލިބިދޭއިރު އެމާއްދާ އުވާލައިގެންވެސް ކޯޕަރޭޝަން ދެންމެ ދެންމެ އުވާލާނެހެން ހީވިއިރު، ސްޕޯޓްސް ކޯޕަރޭޝަނާއި ގުޅިގެން ބޭކާރުު އަނގަ ތަޅައި ފައިސާ ކެއުން ފިޔަވައި ކުރި އެއްވެސް ކަމެއް ނެތެވެ. ރާއްޖޭގެ ބައިތުލްމާލު ލޫޓުވަން ބޭނުންކުރާ ޓޫލަކަށް މިއަދު ވެފައިވާ ، އެއްދުވަހަކު ކުޅިވަރު ތަރައްޤީގެ ލޯގަނޑެކޭ ކިޔައި އިޝްތިހާރުކުރި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަކީ މާލީ ކަޅުވަޅެއް ކަމުގައި ވެއްޖެއެވެ. އެހެންކަމުން އެތަން އުވާލުން ނޫން ގޮތެއް ނެތެވެ.



