އެފްއޭއެމް ވެޓެރެންސް ލީގު 2024 ވާދަވެރި މުއިވެޔޮ ފްރެންޑްސް ފައިނަލުގައި ޕެނަލްޓީން ބަލިކޮށް، ވިދިވިދިގެން ތިން ފަހަރު ވެޓެރެންސް ޓީމުން ތަށި އުފުލާލައިފިއެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. އެހެންކަމުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. އެގޮތުން ހުޅުމާލެ ވެޓެރެންސުން ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކުރި އިރު މުއިވެޔޮ އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން އަހުމަދު ނިޔާޒު ފޮނުވާލި ޕެނަލްޓީ ބޭރަށް ދިޔަ އިރު ދެން ޖެހި ތިން ޕެނަލްޓީ އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުޅުމާލޭގެ އަބްދުاللة ހަނީފެވެ.
މިއަދުގެ މެޗު ނިންމާލުމަށްފަހު މުބާރާތުގެ ސްޕޮންސަރުންނަށާއި ޕާރޓްނަރުންނަށާއި އަދި އެކި މަގާމުތަކަށް ހޮވުނު ފަރާތްތަކަށް ވަނީ ހަނދާނީ ފިލާ ދީފައެވެ.
އެފްއޭއެމް ވެޓެރެންސް ލީގު 2024 ގެ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުއިވެޔޮ ފްރެންޑްސްގެ ޖޯޒީ ނަމްބަރ 14 އަހުމަދު ސައީދު (އައްމަޓީ) އެވެ. އެންމެ މޮޅު ކީޕަރަކަށް ހުޅުމާލޭގެ ކީޕަރު ހަސަން ރަމީޒު ހޮވުނު އިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ދެ ކުޅުންތެރިން ހޮވިފައިވެއެވެ. އެއީ ހުޅުމާލޭގެ ޖޯޒީ ނަމްބަރ 10 ހުސައިން ޝިމާޒާއި ދިވެހި ސިފައިންގެ ކުލަބުގެ ޖޯޒީ ނަމްބަރ 11 އަހުމަދު ފަޒަލެވެ.
އެފްއޭއެމް ވެޓެރެންސް ލީގުގެ2022 ވަނަ އަހަރާއި މިދިޔަ އަހަރުވެސް ހުޅުމާލެ ވެޓެރެންސް ކުލަބުން ވަނީ ތަށި ހޯދާފައެވެ. މި އަހަރުގެ މުބާރާތް ކާމިޔާބުކުރުމާއި އެކީ އެ ޓީމަށް މި ތަށި ވަނީ މިލްކުވެފައެވެ.
މި މުބާރާތުގެ ކޯ ސްޕޮންސަރ އަކީ ސްޓެލްކޯއެވެ. ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ އަދި ބްރޯޑްކާސްޓިންގ ޕާޓްނަރަކީ ޕީއެސްއެމް އެވެ.



