ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގެ ހުޅަނގުން ގާތްގަނޑަކަށް 86 ކިލޯމީޓަރު ދުރުގައި އޮންނަ ޗިޓްވާން ޑިސްޓްރިކްޓްގެ ތުރިސޫރު ކޯރަށް ދެ ޕެސެންޖަރު ބަސް ވެއްޓި 62 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފި އެވެ. މިހާދިސާ ހިނގާފައިވަނީ އެސަރަހައްދަށް މެދުކެނޑުމެއްނެތި ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ ކޯރުތައް ބަންޑުންވެފައިވާ ދަނޑިވަޅެއްގައެވެ. ކޯރަށް ވެއްޓުނު ދެ ބަސްވެސް ވަނީ ބާރުގަދަ އޮޔާއެކު އަޑިއަށް ދަމައިގެންފައެވެ. އެހެންކަމުން ބަސްތައް ފެނޭތޯ ރެސްކިއުޓީމްތަކުން ދަނީ މަސައްކަތް ކުރަމުން ކަމަސް ހަބަރުތައް ބުނެއެވެ.
ޗިޓްވާން ޑިސްޓްރިކްޓްގެ އޮފިޝަލް ރިޕޯޓްކޮށްފައިވާ ގޮތުގައި ބަސްތައް އަޑިއަށް ގޮސްފައިވާއިރު، ފަސިންޖަރުން ހޯދުމަށް ނޭޕާލް ސިފައިންނާއި ފުލުހުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބަސް ކޯރަށް ވެއްޓުމުގެ ކުރިން ތިން ފަސިންޖަރަކު ބަހުން ފުންމާލިއެވެ. މިހާތަނަށް ސަލާމަތްވި ބަޔަކީ އެއީ ކަމަށް ބައެއް ހަބަރުތައް ބުނެއެވެ.
މިހާދިސާގައި ގެއްލިގެން ހޯދަމުންދާ މީހުންގެ ތެރޭގައި އިންޑިއާގެ ހަތް މީހަކުވެސް ހިމެނެއެވެ. މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެ، ނޭޕާލްގެ އެކި ސަރަހައްދުތަކުގެ ބިންގަނޑު ވަނީ ކަނޑައިގެން ގޮސްފައެވެ. ކަތުމަންޑޫގެ ހުޅަނގުން 150 ކިލޯމީޓަރު ދުރުގައި އޮންނަ ކަސްކީ ޑިސްޓްރިކްޓްގައި ބިންގަނޑު ކަނޑައިގެން ގޮސް ތިން އިމާރާތެއް ވެއްޓި 11 މީހުން ވެސް ވަނީ މަރުވެފައެވެ. އަދި ބިންހެލުމެއްގެ ސަބަބުން ކަސްކީއާ ޖެހިގެން އޮންނަ މިޔަގްދީ ޑިސްޓްރިކްޓްގައި ވެސް އިތުރު ތިން މީހަކު ވަނީ މަރުވެފައެވެ.


