ދުނިޔޭގައި ހަރަކާތްތެރިވާ ޓެރަރިސްޓް ގްރޫޕެއްގެ ޙަމަލާ ރާއްޖެއަށް އައުމުގެ ފުރުޞަތު އޮތުމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ރާއްޖެއަށް ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ ދަމަހައްޓަން ނިންމައިފިއެވެ.
އެމެރިކާއިން ކޮންމެ އަހަރަކުވެސް ޓްރެވަލް އެޑްވައިޒަރީ ރިވިއު ކުރާއިރު، ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރާއްޖެ ވަނީ ލެވެލް ދޭއްގައި ދަމަހައްޓާފައެވެ. އަދި ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށްވެސް އެމެރިކާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެމެރިކާއިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ ޓެރަރިސްޓް ޙަމަލާއެއް ދީފާނެކަމުގެ ބިރު އޮތީ ފަތުރުވެރިކަމާ ގުޅުން ހުރި ތަންތަނާއި މާރުކޭޓު ނުވަތަ ފިހާރަތަކަށް އަމާޒުކޮށް ކަމަށެވެ.
މީގެ އިތުރުން އެމެރިކާގެ ރައްޔިތުން ރާއްޖެއަށް ދަތުރުކުރާނަމަ ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީގެ ވެބްސައިޓު ކިޔުމަށާއި ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށާއި ރާއްޖޭގެ މީޑިއާތައް ބެލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މިކަމާއި ގުޅިގެން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ވަކި އެއްޗެއް އަދި ވިދާޅެއް ނުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގެ ނަން ކިލަނބުކޮށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ރާއްޖެ އަކީ ޓެރަރިސްޓުންގެ ހާއްޔެއްގެ ގޮތުގައި ބޭރުދުނިޔެއަށް ދެއްކުމަށް ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ހީނަރުކަން ގެނެސްދި އިޤްތިޞާދު އިނދަޖައްސާލުމަށެވެ.
އެމެރިކާއިން ރާއްޖެއަށް ޓްރެވެލް އެލާޓް ނެރެން ޖެހުނު މައިގަނޑު ސަބަބަކީ އިޒްރޭލު ރައްޔިތުންނަށް ރާއްޖެ އައުމަށް ސަރުކާރުން ދަތި ކޮށްލުމުގެ ސަބަބުން ކަމަށް މުހައްލިލުން ބުނެއެެވެ.



