މަދީނާ އިންވެސްޓްމަންޓްގެ ސްކޫލް އަޅާ ބިން ހޯދާފައިވަނީ ނުހައްޤުން ކަމަށް ބުނެ ފަތުރަމުން އަންނަނީ މުޅިން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްކޫލް އަޅާ ބިމަކީ އޮންނަ އުޞޫލުން އެންމެހައި އިޖްރާއަތުތައް ފުރިހަމަކޮށް ކުރީގެ ސަރުކާރުގެ ދުވަސްވަރު ހަމަޖެހުނު ބިމެއް ކަމަށެވެ. ސަރުކާރު ބަދަލުވުމަށް ފަހު އެގްރިމަންޓަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި އެ ބިމަކީ ކުލި ދައްކާ ގޮތަށް އޮތް ބިމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ބިމުގެ އަރިމަތީގައި ބިނާ ކުރާ މިސްކިތަކީ 2000 އެއްހާ މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ލައިބްރަރީއަކާއެކު 2 ބުރިއަށް އަޅާ މިސްކިތެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސްކޫލް އަޅަން ބިން ހަމަޖައްސާފައިވަނީ އެޗްޑީސީގެ ކުރީގެ މެނޭޖްމަންޓުން ކަމަށާއި ސްކޫލްގެ ބިމުގެ ފްރޭމްވޯކް އެގްރީމަންޓްގައި ސޮއިކޮށްފައިވެސް ވަނީ ކުރީގެ މެނޭޖްމަންޓުން ކަމަށެވެ. އަދި ސްކޫލްގެ ޑިޒައިން އެޕްރޫވް ކުރީ ކުރީގެ އެޑިއުކޭޝަނުން ކަމަށާއި، މި މަޝްރޫޢުގެ ޕްރޮޕޯސަލްގެ މަސައްކަތުން ފެށިގެން މަސައްކަތް ކުރިއަށްދާތާ ތިން އަހަރު ވަނީ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ނުހައްޤުން ބިމެއް ހޯދި ކަމަށް ބުނެ ޝަހީމް އާ ގުޅުވައިގެން ދޮގުވާހަކަތައް ނުފެތުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އަދި ތެދު ޙަޤީޤަތުގެ މައްޗަށް ވާހަކަ ދެއްކުމަށް އެދޭ ކަމަށާއި ދޮގު ވާހަކަތައް ފެތުރުމަކީ ނަފްރަތު އުފެދި މުޖުތަމަޢު ބައިބައިވެގެން ހިނގައިދާނެ ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން ބިނާ ކުރަނިވި ޚިޔާލަށް މަރުޙަބާ ކިޔާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.



