ކުޅުދުއްފުށީގެ ކަރަންޓު މައްސަލަ ރަނގަޅު ކުރެވެންދެން ސްޓެލްކޯގެ ޓީމެއް އެ ސިޓީގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ‘އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަރަންޓުގެ ހާލަތު ދެނެގަތުމަށާއި އެކަން ރަނގަޅު ކުރުމަށް ފޮނުވި އެޑްވާންސް ޓީމް މިހާރު މާލެ އައިސްފައިވާ ކަމަށެވެ.
”އޭގެ ބަދަލުގައި އެ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރެވެންދެން ސްޓެލްކޯއިން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ސްޓެލްކޯގެ 8 މުވައްޒަފުންގެ މައްޗަށް ހިމެނޭ ތަޖުރިބާކާރު ޓީމެއް ދަނީ ކުޅުދުއްފުށީގައި ކެނޑިނޭޅި މަސައްކަތްކުރަމުން،“ އޭނާ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ ކުރީ ސަރުކާރުގެ އިހުމާލުން ކުޅުދުއްފުށީ ރައްޔިތުންނަށް ދިމާވެފައި މިވާ ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދީ، ރައްޔިތުން އެދޭ ފަދަ ފުރިހަމަ ހިދުމަތެއް އެ ރަށުގައި ދެވޭނެ ކަމަށެވެ.
ކުޅުދުއްފުށީގައި މިދިޔަ ރޯދަ މަހު ކަރަންޓުގެ މައްސަލަ ދިމާވެ، ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ ދިމާވެފަ އެވެ.
ފެނަކަ އާއި ސްޓެލްކޯ ގުޅިގެން މިދިޔަ ހޯމަ ދުވަހު އެ މައްސަލަ ވަނީ ހައްލުކޮށްފަ އެވެ.








