ރާއްޖޭގައި ފާނަބަސަންދާއި ހޭންޑް ފުޑް އެންޑް މައުތު ބަލި އިތުރުވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މި ބަލިތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ފާނަބަސަންދު އަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މި ބައްޔަކީ އާއްމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެއް ނަމަވެސް ބޮޑެތި މީހުންނަށްވެސް މި ބަލި ޖެހޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ފާނަބަސަންދުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:
- ހުން އައުން.
- ވަރު ދެރަވުން.
- ނޭފަތުން ފެން އައުން.
- ހަމުގައި ބިހިތަކެއް ނެގުން.
އެޗްޕީއޭ އިން ބުނީ ފާނަބަސަންދު ޖެހުމުން ނަގާ ބިހިތައް ފެންފޮޅުތަކަކަށް ބަދަލުވާ ކަމަށެވެ. އެގޮތުން މި ބިހިތަކަކީ ވަރަށް ހިރުވާ އަދި ފަސޭހައިން ފަޅައިގެންދާ ބިހިތަކެއް ކަމަށާއި، ދެތިން ދުވަސް ތެރޭގައި ހަށިގަނޑުގެ އެކި ތަންތާ ފެންބިހި ނަގާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ފާނަބަސަންދު ފެތުރެނީ ބަލިޖެހިފައި ހުރި މީހަކު ކެއްސާ ކިނބިހި އަޅާ ހަދާއިރު ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންނެވެ. އަދި ބިހިނަގާފައި ހުރި މީހެއްގެ ގައިގައި ބީހުމުން ނުވަތަ އޭނާ ބޭނުންކޮށްފައިވާ ތުވާލި، އަންނައުނު ފަދަ ތަކެތި ބޭނުންކުރުމުން ވެސް މި ބަލި ފެތުރެއެވެ. މީގެ އިތުރުން ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން މި ބަލި އެކަކު އަނެކަކު ގަޔަށް ފެތުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ ކުރިން ފާނަބަސަންދު ނުޖެހޭ ކޮންމެ މީހަކަށް މި ބަލި ޖެހުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އަދި އެއްފަހަރު މި ބަލި ޖެހިއްޖެނަމަ ދެވަނަ ފަހަރަށް މި ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ފާނަބަސަންދު ޖެހުމުން ރައްކާތެރިވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން:
- ބަލި ޖެހިފައިވާ މީހުން ގާތަށް ޒިޔާރަތް ނުކުރުން.
- ބަލި ޖެހިފައިވާ ކުއްޖާ/މީހާ އޭނާގެ ގައިގައި ނަގާފައިވާ ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން ބޭރު ތެރެއަށް ނުނުކުތުން.
- ބަލި ޖެހިއްޖެނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުން.
- ބަލި ފަސޭހަވަންދެން ހިފާ ގެންގުޅޭ ތަކެތި ( އަންނައުނު، ތުވާލި، ކުޅޭ އެއްޗެހި ފަދަ ތަކެތި) ވަކި ކުރުން.
- ބަލިން ރައްކާތެރިވުމަށް ޗިކަންޕޮކްސް ވެކްސިން ޖެހުން. (މި ވެކްސިން އާންމުގޮތެއްގައި ފާމަސީތަކުން ލިބެން ހުންނާނެ)
މީގެ އިތުރުން ހޭންޑް ފުޑް އެންޑް މައުތު ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. މި ބަލި ޖެހިފައިވާ ކުއްޖާގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ތަކެތި އަދި ފޮޅުން ނުކުންނަ ދިޔައިން ކެއްސާ ކިނބިހިއަޅާއިރު، ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން މި ބަލީގެ ވައިރަސް ހަށިގަނޑުގައި އަށަގަންނަތާ 7-3 ދުވަސް ތެރޭގައި އަލާމާތްތައް ފެންނަން ފަށާކަމަށް އެޗްޕީއޭއިން ބުންޏެވެ. އެގޮތުން މި ބަލިން ރައްކާތެރިވުމަށްޓަކައި:
- ގިނަ ގިނައިން އަތް ދޮވުން.
- އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުން.
- ބަލި ޖެހިފައިވާ ކުދިންނަށް ޒިޔާރަތް ނުކުރުން އަދި (ޚާއްސަކޮށް ސްކޫލަށް) ނުނިކުތުން.
- ބޭނުންކޮށްފައިވާ ނެޕީ، ޓިޝޫފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުން.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:
- ކަރުތެރެ ފާރުވުން.
- ކާހިތް ނުވުން.
- ވަރު ދެރަވުން.
- ހުން އައިސް ބޮލުގައި ރިއްސުން.
- އަތްތިލައާއި ފައިތިލާގައި ރަތްކުލައިގެ ބިހިތަކެއް ނެގުމަށްފަހު ފެންފޮޅަކަށް ބަދަލުވުން.
ހޭންޑް ފުޑް އެންޑް މައުތު ބައްޔަކީ ވައިރަސް އަކުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. ކޮންމެ މީހަކަށްވެސް މި ބަލި ޖެހުމުގެ ފުރުޞަތު އޮންނަ ނަމަވެސް އާންމުކޮށް ކުޑަކުދިން އެއްވެ އުޅޭ ތަންތަނުގައި މި ބަލި ފެތުރުމުން އިތުރުވެގެން ދިއުމުގެ ފުރުޞަތު ބޮޑުކަމަށް އެޗްޕީއޭއިން ބުންޏެވެ.



