އާޝުރާ ދުވަހު ރޯދަ ހިފުމަކީ ވޭތިވެދިޔަ އަހަރުގެ ކުށް ފާފަތައް ފުއްސަވައިދެއްވާނެ ޢަމަލެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ އާޝޫރާ ދުވަހުގެ މާތްކަމުގެ މަޢުޟޫއަށެވެ. ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވިއިރު އެ ރަށުގެ ޔަހޫދީން ޢާޝޫރާ ދުވަހު (މުޙައްރަމު މަހުގެ ދިހަ ވަނަ ދުވަހު) ރޯދަ ހިފާތީ، އެއީ ކީއްވެގެން ހިފާ ރޯދައެއްތޯ އެމީހުންނާ ސުވާލު ކުރެއްވިއެވެ. ޢާޝޫރާ ދުވަހު ރޯދަ ހިފުމުގެ ޘަވާބު ބަޔާންކޮށް ދެއްވަމުން ރަސޫލާ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ، "އަދި އާޝޫރާ ދުވަހު ރޯދަ ހިފުމަކީ، ވޭތުވެދިޔަ އަހަރުގެ ކުށްފާފަތައް، މާތް الله ފުއްސަވައިދެއްވާނެ ޢަމަލެއް ކަމުގައި ތިމަން ކަލޭގެފާނު އުއްމީދު ކުރައްވަމެވެ."
ޚުތުބާގައި ބުނީ ޢާޝޫރާދުވަހު ރޯދަ ހިފުމުގެ ތިން ދަރަޖައެއްވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ ޢާޝޫރާދުވަހާއެކު އެއް ދުވަސް ކުރިންނާއި އެއްދުވަސް ފަހުން ރޯދަ ހިފުމެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަ ހިފުން ކަމަށާއި، އެއީ ގިނަ ޙަދީޘްތަކުން ދޭހަވާ ގޮތް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އޭގެ ފަހުން އަންނަ ދަރަޖައަކީ ދިހަވަނަ ދުވަހު އެކަނި ރޯދަ ހިފުން ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ޢާޝޫރާ ދުވަހު ރޯދަ ހިފުން ފިޔަވައި، އެ ދުވަހާއި އެރޭ "ޢާޝޫރާ ދުޢާ" ގެ ނަމުގައި ވަކި ދުޢާއެއް ކުރުމާއި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވާފައި ނޯންނަ ކަމަށެވެ.
މުޙައްރަމް މަހަކީ، މާތް ﷲ ޙުރްމަތްތެރި ކުރައްވާފައިވާ މަހަކަށްވާއިރު، ރަމަޟާން މަހަށްފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަސް ކަމަށް ޚުތުބާގައ ބުންޏެވެ.
ޚުތުބާގައި ބުނީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށެވެ. ޢާޝޫރާ ދުވަހަކީ، ފިރުޢައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވި ދުވަހެވެ.
މީގެ އިތުރުން މާތް الله އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ ޢަޛާބުން ޢަޛާބުދެއްވައި، ނެތިކުރައްވާނެކަމަށް ޚުތުބާގައި ބުންޏެވެ. އެ މީހުންނަށް ކާމިޔާބު ނުލިބޭނެކަމަށާއި، ފަސާދަޔާ ދެކޮޅަށް ތެދުވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި މާތް ﷲއަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް ޢިއްޒަތާއި، ޝަރަފާއި، ޤަދަރު ދެއްވާނެކަމަށް ޚުތުބާގައި ބުންޏެވެ.



