ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފާމަސީ ރަސްމީކޮށް ހުޅުއްވައިދެއްވީ އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރެވެ.
އެސްޓީއޯއިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވި ފާމަސީ ތައްޔާރުކުރެވިފައިވަނީ އެހެން ފާމަސީތަކާއި ތަފާތުކޮށް މޮޑާން ކޮންސެޕްޓަކަށް ކަމަށެވެ. އެގޮތުން އެ ފާމަސީ އިން ޚިދުމަތް ހޯދާ ފަރާތްތަކަށް ބޭހުގެ އިތުރުން ހޮސްޕިޓަލާއި އަދި ގޭގައި ބޭނުންކުރެވޭނެ މެޑިކަލް އާލާތްތަކާއި ޕަރސަނަލް ކެއަރ ރޭންޖުގެ ގިނަ ތަކެތި ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މި ފާމަސީއާއެކު ދަރުމަވަންތަ ހޮސްޕިޓަލް އަދި އައިޖީއެމްއެޗް އިން ޚިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން އެސްޓީއޯއިން ބުނީ އިންޕޭޝަންޓުންނަށް ވަރަށް ބޭނުންތެރި ގިނަ ތަކެތި ލިބޭނެ އިންތިޒާމް މި ފާމަސީގައި ހަމަޖައްސާފައިވާނެ ކަމަށެވެ.
މި ފާމަސީ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ހުކުރު ދުވަހު ފާމަސީ ހުޅުވާފައި ހުންނާނީ މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.
މި ފާމަސީ ހުންނާނީ ދަރުމަވަންތަ ހޮސްޕިޓަލުގެ މެއިން އެންޓްރެސް އިން ވަންނައިރު ކަނާތްފަރާތަށެވެ.



