ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރުން ނަގުދު ފައިސާ ދޭކަމަށް ބުނެ ކުރީގެ ރައީސް ޔާމީން އަޑީގައި ހުރެގެން ފިތުނައިގެ ކެމްޕޭނެއް ފަށައިފި އެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި ޖަލު ހުކުމް ތަންފީޒުކުރި އަދި ކޮރަޕްޝަންގެ ދިގު ތާރީހެއް އޮތް ރައީސް ޔާމީން އަޑީގައި ހުރެގެން ސަރުކާރާ ދެކޮޅަށް ފިތުނައިގެ ކެމްޕޭނެއް ފެށީ އެމަނިކުފާނު ފައިސާ ޚަރަދުކޮށްގެން ހިންގާ މީޑިއާތައް މެދުވެރިކޮށެވެ. ޔާމީނުގެ މި އެންޓި-ކެމްޕޭނަކީ ރައީސް މުއިއްޒުގެ ސަރުކާރުން ޔާމީން ބޭނުންފުޅުވާ ގޮތްގޮތަށް އަދި އެމަނިކުފާނު ވިދާޅުވާ ފަރާތްތަކަށް ޕްރޮޖެކްޓުތައް ނުދޭތީއާއި، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކޮށް ރާއްޖޭގެ ރައީސްކަމަށް ވަޑައިގަތުމަށްޓަކައި މިހާރުއްސުރެ ޕީއެންސީ ސަރުކާރަށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކެވެ.
ރައީސް ޔާމީނުގެ ގެ ނިޔަތަކީ އެކި މީޑިއާ ޗެނަލްތަކުން ޚިޔާލުތަފާތުވުން އިންދައި ނަފްރަތު ފެތުރުމެވެ.
މަޢުލޫމާތު އެނގޭ ޔާމީންގެ އަރިސް ފަރާތްތަކުން ބުނަނީ ޔާމީންގެ އަމަލުތަކަކީ ސިޔާސީ ގޮތުން، މިހާރުގެ ސަރުކާރު ހަލަބޮލިކޮށް، ސަރުކާރަށް އާންމުން ކުރަމުން އައި އިތުބާރު ގެއްލުވާލުމުގެ މަގުސަދުގައި ހިންގާ އަމަލުތަކެކެވެ. ރައީސް މުއިއްޒުއާ ދެކޮޅަށް އެ ކުރައްވާ ކެމްޕޭނަކީ ޔާމީނު އެނބުރި ވެރިކަމަށް ވަޑައިގަތުމަށް މަގުފަހިކޮށްދެއްވުމަށް އެޅި ސްޓްރެޓެޖިކް ފިޔަވަޅެކެވެ.
ސަރުކާރުގެ އަބުރު ފުނޑުފުނޑުކޮށްލުމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ފަތުރާ ދޮގު ވާހަކަތަކުގެ ތެރޭގައި މަޖިލިސް ބައެއް މެމްބަރުންނަށް ރައީސް މުއިއްޒުގެ ފަރާތުން ކޮންމެ މަހަކު ބައިލައްކަ ރުފިޔާގެ ނަގުދު ފައިސާ ދިނުންވެސް ހިމެނެއެވެ.
ރައީސް ޔާމީން މިގޮތަށް މިވާހަކަ ފަތުރަނީ މިއީ ޢާންމުންނަށް ސަރުކާރުގެ ތެރެއިން އަދި ބޭންކުތަކުންވެސް ހޯދޭނެ މަޢުލޫމާތުތަކަށް ނުވާތީވެ، މިފަދަ ވާހަކަތައް ދެއްކުމުން ޢާންމުންނަށް ފަސޭހައިން ޤަބޫލު ކުރެވިދާނެތީ ކަމަށް ދެކެވަޑައިގެންނެވެ.
މިސަރުކާރު ދެކެ ޔާމީނު ކޯފާވެގެން އުޅުއްވާ މައިގަނޑު ތިން ސަބަބު:
- ޔާމީނުގެ ވެރިކަމުގައި ސަރުކާރުގެ ބައިތުލްމާލުން އެމަނިކުފާނު ބޭނުންފުޅުވާ މިންވަރަށް ފައިސާ ނެންގެވި ގޮތަށް މިސަރުކާރުން ފުރުޞަތު ނުދެއްވުން
- ޔާމީނަށް ކަޓް ލިބޭގޮތަށް އެމަނިކުފާނާއި ގުޅިފައިވާ ބޭރުގެ ކުންފުނިތަކަށް ޔާމީނު ބޭނުންފުޅުވާ އަގެއް ޖައްސަވާފައި ޕްރޮޖެކްޓުތައް ނުދިނުން
- ޔާމީން ބޭނުންފުޅުވާ ފަރާތްތަކަށް ސަރުކާރުގެ ވަޒީރުކަން ނުދިނުން މިއެވެ.
ރައީސް ޔާމީން ސަރުކާރާއި ރައްޔިތުންނާ ދެމެދު ފިތުނަ އުފެއްދުމަށްޓަކައި މަސައްކަތްކުރައްވާތީވެ ، އެކަމާމެދު ސަރުކާރުގެ ބަހަކީ ކޮބައިތޯ ބެއްލެވުމަށް ރައީސް އޮފީހުގެ މިނިސްޓަރަަށް ދެންނެވުމުން ވިދާޅުވީ މިވަގުތު ތިޔަ ސުވާލަށް ޖަވާބު ދިނުމަށް ވަގުތު ބޭކާރު ކުރުމަށްވުރެ ރައްޔިތުންނަށް ފައިދާހުރި ވާހަކަތަކެއް ދެއްކެވުން މާ ބުއްދިވެރިކަމަށެވެ.



