މިދިޔަ ފަސް އަހަރު ގެވެށި އަނިޔާއާ ގުޅޭ މައްސަލަތައް ރިޕޯޓުކުރި އަދަދު އިތުރުވެފައިވާ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)އިން ބުނެފި އެވެ.

އެފްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ އޮތޯރިޓީއަށް މިފަދަ 3،123 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ. ނަމަވެސް 2013 - 2018 އަށް ހިނގި ފަސް އަހަރުގެ މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ 2،601 މައްސަލަ އެވެ.

އެހެންކަމުން 2013 - 2018 އާ އަޅާބަލާއިރު މިދިޔަ ފަސް އަހަރު 522 މައްސަލަ އިތުރަށް ރިޕޯޓުކޮށްފައިވެ އެވެ.

މިދިޔަ 5 އަހަރު ހުށަހެޅި މައްސަލަތަކުގެ އަދަދު

  • 2019: 558 މައްސަލަ
  • 2020: 654 މައްސަލަ
  • 2021: 577 މައްސަލަ
  • 2022: 720 މައްސަލަ
  • 2023: 614 މައްސަލަ

މިދިޔަ އަހަރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އަނިޔާ ލިބުނު މީހުންގެ އަދަދަކީ 973 އެވެ. އޭގެ ތެރޭގައި ހިމެނެނީ 619 އަންހެނަކާއި 240 ފިރިހެނުންނާއި ޖިންސްގެ މައުލޫމާތު ނުލިބޭ 114 މީހުންނެވެ.

އަނިޔާ ލިބުނު މީހުންގެ ތެރެއިން 503 މީހުންނަކީ 18 އަހަރުން މަތީގެ މީހުންނެވެ. އަދި 469 މީހުންނަކީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ.