ރައީސް ޑރ.މުޢިއްޒު ދެކެ ކުރީގެ ރައީސް ޔާމީން ކޯފާވެގެން އުޅޭ އަސްލު ސަބަބަކީ ނާޗަރަންގީއާއި ތާސްކުޅުއްވުމަށް ވަގުތު ނުދެއްވާތީ ކަމަށް ބާރަށު ދާއިރާގެ މެމްބަރު ޝުޖާ ވިދާޅުވެއްޖެއެވެ.
ޝުޖާ އެވިދާޅުވި އެއްޗެއްގެ ފޮރުވިފައިވާ މާނަ ނޭނގުނު ކަމުގައިވިޔަސް، ފާހަގަކޮށްލެވޭ ކަމަކީ އަޙްމަދު އަދީބު ވިދާޅުވި ގޮތުގައި ޔާމީނަކީ އަބަދު ތާސްކުޅުއްވަން ހުންނަވާ ބޭފުޅެކެވެ. ދައުލަތް ހިންގެވުމަށް ވަޒީރުންނާއި ޙަވާލުކުރެއްވުމަށްފަހު "ޕްރޮޖެކްޓުތަކުން އެތިއެތިކޮޅު ޖީބަށް ކަހާލުމުގައި" ރައީސް ޔާމީނަކީ މަޝްހޫރު ރައީސެކެވެ.
އެހެންކަމުން، މެމްބަރު ޝުޖާ އެވިދާޅުވި ވާހަކަފުޅުން ފަހުމްވަނީ ރައީސް ޔާމީން ބޭނުންފުޅުވަނީ އެމަނިކުފާނު ވިދާޅުވާ ގޮތަކަށް ރާއްޖޭގެ ވެރިކަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހިންގުމަށެވެ. އަދި އެކިއެކި ޕްރޮޖެކްޓު ތަކަށް ޚިޔާނާތްތެރިވެ އޭގެއިން ކަޓު ނަންގަވައި ރައީސް ޔާމީނަށް ދެއްވުމަށެވެ. އެފަދަ މަޝަވަރާ ތަކާއި ޕްލޭންތައް ކުރުމުގައި ރައީސް ޔާމީނާއި ގިނަގިނައިން ބައްދަލުވެވޭ ގޮތަށް ނުވަތަ މަޝްވަރާ ކުރެވޭނެ ކަހަލަ ފަސޭހަ މާޙައުލަކީ ތާސްކުޅުއްވަން އެކުގައި ދެބޭފުޅުން ވަގުތު ހޭދަކުރެއްވުމެވެ.
ނަމަވެސް އެކަންތަކަށް ރައީސް މުއިއްޒު އެއްބަސްވެ ވަޑައިނުގެންނެވުމުން ޔާމީން މުއިއްޒު ދެކެ ހިތްހަމަޖެހިވަޑައިނުގެން އުޅުއްވަނީ އެވެ.
ސީދާ ރައީސް ޔާމީންގެ ނަންފުޅު ޖުމްލައިގައި ފާހަގަ ނުކުރައްވައި ޝުޖާ ވިދާޅުވީ ޔާމީނަކީ ކަންނެތް މީހެއް ކަމަށާ ނަމަވެސް ރައީސް މުއިއްޒުއަކީ ބޮޑު ޒިންމާތަކެއް އުފުއްލަވާލާ ބޭފުޅެއްކަމުން ރައީސް ޔާމީން އެދޭހާ ގަޑިއަކު އެމަނިކުފާނާއިއެކު ތާސްކުޅުއްވަން ރައީސް މުއިއްޒުއަށް ވަގުތެއް ނޯންނާނެއެވެ.
"ދަންނަވަންތޯ. ރައީސް މުއިއްޒުގެ ކޮންމެ ވަގުތަކީ މިގައުމުގެ މުސްތަގުބަލާ ދޭތެރޭ ވިސްނަން ޖެހިފައިވީ ވަގުތުކޮޅެއް. ރައިސް މުއިއްޒު ނޫޅޭ ވަގުތު ގިނަވެގެނެއް. ރައީސް މުއިއްޒުއަކަށް ނުލިބޭ ނާޗަރަންގީ ކުޅޭކަށް ވަގުތެއް. އަރާމު ކޮށްލާކަށް ވަގުތެއްވެސް ނުލިބޭ"
ޝުޖާ ފާހަގަކުރެއްވި ގޮތުގައި ރައީސް މުއިއްޒު ވަނީ ވެރިކަމުގެ ހަތް މަސް ނުވަނީސް 168 ކައުންސިލަކާ ބައްދަލުކުރައްވައި، ގައުމީ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތައް ކުރައްވާފައެވެ. މިއީ ކުރީގެ ރައީސް ޔާމީން ވެރިކަން ހިންގިއިރު ވަގުތު ނަގާލި ޗުއްޓީ ހަރަކާތްތަކާ ވަރަށް ތަފާތު މަންޒަރެއްކަން ހާމަވެއެވެ.
ޔާމީނުގެ ވެރިކަމުގައި އަދީބުއާއި ޤައުމު ހިންގަން ޙަވާލުކޮށްފައި ޔާމީނު އާރަށުގައި ތާސްކުޅުއްވުމަށް ހުންނަ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. ޝުޖާ ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި ހުރި ދުވަސްވަރު ބަޠަލަކަށް ހަދައިދިނީ ޑރ.މުޢިއްޒުގެ ޓީމުންނެވެ.
"ސިޔާސީ މަސައްކަތަކީ ވަރަށް މުރާލިވެގެން ކުރެވޭ މަސައްކަތެއް. އަޅުގަނޑުމެން ފަސް އަހަރު މަގުމަތީގައި އުޅުނީ މުރާލިކަމާއި އެކީގާ. ރައީސް ޔާމީން ވަގަކަށް ހަދައި ޖަލަށްލީ އެމްޑީޕީ އިން. އަޅުގަނޑުމެން ދެންނެވިން ރައީސް ޔާމީނެއް ވައްކަމެއް ނުކުރެއޭ. އަޅުގަނޑުމެން އެމަނިކުފާނު ޖަލުގައި އޮންނެވިއިރު ހީރޯއަކަށް ހަދާފައި ބޭރުކުރީ. އަޅުގަނޑުމެންގެ ލީޑާޝިޕުން ކުރި މަސައްކަތުން. މަލީހުއާއި ޖަމީލު ނުކުރޭ އެއްވެސް ކަމެއް. ހުސައިން ވަހީދުވެސް ޖަގަޅާހެދީ. ޗެނަލް 13 ހިންގަން ހަވާލުކުރީމާ ވައްކަންކުރީ" ޖަލުން ނުކުތުމަށްފަހު އަމިއްލައަށް ބޮޑާ ހާކައި ވެރިކަން ހިންގުމުގެ އުޞޫލުތަކާއި ކުޅެން މަސައްކަތްކުރަމުންދާ އަދި އެކަމުގެ ސަބަބުން ސިޔާސީ ގޮތުން ބިކަވެ ތާއީދު ގެއްލިފައިވާ ރައީސް ޔާމީނާއި ބެހޭގޮތުން ޝުޖާޢު ވިދާޅުވިއެވެ.
ޔާމީން އަކީ ވަގަކަށް ހަދައި އެމްޑީޕީން އޭނާ ޖަލަށްލިއިރު، އަދި އޭގެފަހުން ޑރ.ޖަމީލުވެސް ޔާމީނާއި ދިމާލަށް ހެއްދެވި ނެހެއްދެވިއަށް ގޮވަމުންދިޔައިރު، މިއަދު ޖަމީލުއާއި މަލީހު ޔާމީނާއެކު ޕީއެންއެފް ހަދައިގެން ތިބެ ފާއިތުވީ ފަސް އަހަރުގެ ވާހަކަ ދައްކަން ތާހިރެއް ނޫންކަމަށް ޝުޖާޢު ވިދާޅުވިއެވެ.
"ޕީޕީއެމް ޕީއެންސީ ވޭތުވެދިޔަ ފަސް އަހަރު ހިންގި ގޮތުގެ ވާހަކަ ދައްކަން ތިބި ފަސް މީހުން އެ ދައްކަނީ އަޅުގަނޑުމެން ކުރި މަސައްކަތުގެ ވާހަކަ،" މެމްބަރު ޝުޖާ ވިދާޅުވިއެވެ.
އެހެންކަމުން ރައީސް ޔާމީނުއާއި ރައީސް މުއިއްޒުއާ ދެމެދު އަސްލު ޖެހިގެން މިއުޅޭ މައްސަލައަކީ ރިޝްވަތު ނެގުމާއި ނުވަތަ ނުޙައްޤުން ޤައުމު ހިންގައި ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތރެިވުމަށް ދޮރެއް ހުޅުވައި ނުލެއްވުމުންނެވެ. އަދި އެފަދަ މަޝްވަރާތަކަށް ރައީސް މުއިއްޒުގެ ފަރާތުން ފެހި ސިގުނަލެއް ލިބޭގޮތް ނުވުމުންނެވެ. ނަމަވެސް ރައީސް މުއިއްޒު މީގެ އެއްވެސް ވާހަކައެއް އެއްވެސް ތަނެއްގައި ހާމަނުކުރައްވަނީ ރައީސް ޔާމީނަށް ޤަދަރު ކުރައްވާތީއެވެ.



