އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލާ ވަގުތު ހަވީރު 5:30 އާ ހަމައަށް އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވޯޓްލާ ވަގުތު އިތުރު ކުރުމަށް ނިންމީ މިއަދު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޖަލްސާގަ އެވެ.
އެ ނިންމުމާ އެކު މަޖިލިސް އިންތިހާބުގެ ވޯޓުލާ ގަޑީގެ ގޮތުގައި ހަމަޖައްސާފައިވަނީ ހެނދުނު 8 އިން ހަވީރު 5:30 އަށެވެ.
ކޮމިޝަނުން 'އެކްސް'ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ވޯޓުލާ ވަގުތު މިއަށް ވުރެ އިތުރު ނުކުރާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިގޮތަށް މިއަދު ނިންމީ، މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ސިޔާސީ ޕާޓީތަކާއި މިނިވަން މުއައްސަސާތަކުން ވޯޓުލާ ވަގުތު އިތުރުކޮށްދިނުމަށް އިއްޔެ އެދިފައިވަނިކޮށެވެ.
މަޖިލިސް އިންތިހާބު 2024 ގައި ޖުމްލަ 284،663 މީހުންނަށް ވޯޓު ލެވޭނެ އެވެ. އިންތިހާބުގައި ވޯޓުލާން ޖުމްލަ 602 ފޮށި ބަހައްޓާނެ އެވެ. އަދި އިންތިހާބީ ދާއިރާތަކަށް ވެސް 93އަށް ވަނީ އިތުރުކޮށްފަ އެވެ. އެ ގޮނޑިތަކަށް ވާދަކުރަނީ ޖުމްލަ 369 ކެންަޑިޑޭޓުންނެވެ.








