ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އެމަނިކުފާނު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ހަމަލާއަކީ އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންގެ ރޭވުމެއް ކަމަށް ފަތުރުވެރިކަމާބެހޭ މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
"އެމްޑީޕީގެ އެތެރޭގެ ވޭތުވެދިޔަ 5 އަހަރު ރައީސް ނަޝީދު މަގުމައްޗަށް ނެރެ އެކަހެރިކޮށް، ރައީސް ނަޝީދު ރާއްޖޭގެ މަޖީދީމަގު ކައިރިއަށް ގޮއްވާލަން މިހުރިހާ މަސައްކަތެއް އެމްޑީޕީންކުރީ. އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ކުރީ" މިނިސްޓަރު ވިދާޅުވިއެވެ.

ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާގެ ފަހަތުގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ، އެ ހަމަލާ އަކީ ތިން މިލިއަން ރުފިޔާގެ "ޓާސްކެއް" ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް "މޭ ހައެއް" ކޮމިޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ފާހަގަ ކުރައްވާފައިވާއިރު ޓުއަރިޒަމް މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕުން މި ޓެރަރިޒަމްގެ ޢަމަލު ހިންގީ ނަޝީދުގެ އަތުން ޕާޓީ ނިގުޅައިގަތުމަށެވެ. ނަމަވެސް މި ޙަލަމާގެ އިސް ސަފުގައި ހުރި މީހެއްގެ ސީދާ ނަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
ނަޝީދަށް ދިން ހަމަލާގެ ސަބަބުން އެ މަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ވެ، ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިވަޑައިގަތެވެ. އަދި އެ އާލާސްކަންފުޅުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އެވެ.
ދައުލަތުން އެ މައްސަލާގައި ދައުވާކުރަން ފޮނުވީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.
އެ މައްސަލާގައި ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް އަހުމަދު އަދުހަމްގެ މައްޗށް 23 އަހަރުގެ ޖަލު ހުކުމެއް އެމްޑީޕީ ސަރުކާރުގައި ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.



