ފަލަސްޠީނުގައި މިހާރު ކުރިޔަށްދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އެކުލަވާލައި އދ ގެ ސަލާމަތީ މަޖިލީހުގެ ރުހުން ލިބުނު ދެލިކޮޕީއަށް ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާޢަތުން ތާޢީދުކޮށް ، ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ވެއްޖެއެވެ.
އިސްރާއީލުގެ ސިފައިން އަނބުރާ ގެންދިއުމާއި އިސްރާއީލުން ބަންދުކޮށްފައިވާ ފަލަސްޠީނު ރައްޔިތުން ދޫކޮށްލުމަށް އެ ޤަރާރުގައި ވެއެވެ. ހަމައެހެންމެ ހަމާސްގެ ބެލުމުގެ ދަށުގައި ރަހީނުންގެ ގޮތުގައި ތިބި ހުރިހާ ޔަހޫދީން ދޫކޮށްލަ ދިނުމަށްވެސް އެމެރިކާގެ ޤަރާރުގައި ވެއެވެ.
ހަމާސްއިން ބުނީ ރަހީނުން ބަދަލުކުރުމަށް ގޮވާލާ ގަރާރާމެދު މަޝްވަރާ ކުރަން އެ ޖަމާއަތުން ތައްޔާރަށް އޮތް ކަމަށެވެ. އަދި އެކަމުގައި ޤަތަރާއި މިޞްރު މެދުވެރިއެއްގެ ދައުރު އަދާކުރަންވެސް އޮތީ ތައްޔާރަށެވެ.
"މިތަނުގައި ތިބި ހުރިހާ އިސްރާއީލުގެ ސިފައިން އަނބުރާ ގެންގޮސް ހަނގުރާމަ ހުއްޓާލުމަށް އަޅުގަނޑުމެން ތާއީދުކުރަން. އަދި ، އެމީހުންގެ ޖަލުތަކުގައި ތިބި އަޅުގަނޑުމެންގެ މީހުންތައް މިނިވަންކުރުމަށާއި މި ހަނގުރާމައަށް ދާއިމީ ހައްލު ހޯދައިދިނުމަކީ އިޒްރޭލް ލައްވާ އެމެރިކާއަށް ކުރެވޭނެ ކަމެއް" ހަމާސް ގެ ސީނިއާ ބޭފުޅެއް ކަމަށްވާ ސާމީ ބުންޏެވެ،
އޭނާ ފާހަގަކުރެއްވި ގޮތުގައި އިސްރާއީލުން ޤަރާރަށް ޢަމަލުކުރާކަން ކަށަވަރުކުރުމުގެ ޒިންމާ މިހާރު އޮތީ އެމެރިކާގެ މައްޗަށެވެ.

ޣައްޒާގައި އިންސާނީ ދަތިކަން ބޮޑުވެ، ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސްފަރުވާގެ ތަކެއްޗަށް ވަރަށް ބޮޑަށް ދަތިވެފައިވާއިރު، ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނި ގޮތުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު "ނަސްލު ނައްތާލާ" ހަނގުރާމަ ވަރުގަދަވިފަހުން މިހާތަނަށް 37ހާހަށްވުރެ ގިނަ މީހުން މަރުވެ 10 ހާހަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އަދި ބޮޑެތި ޒަޚަމްތަކުގައި މަރުވާ މީހުންވެސް ދަނީ އިތުރުވަމުންނެވެ. ބޮމުގެ "ވާރޭ" ވެހުނު މި ހަނގުރާމައިގައި މިހާރުވެސް ބައިލައްކައެއްހާ މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ފެށުނު މި "ނަސްލު ނައްތާލާ" ހަނގުރާމައިގެ ހާލަތު ގޯސްވެ، ފުޅާދާއިރާއެއްގައި އިޒްރޭލުން ދިޔައީ މުސްލިމުންނަށް އަނިޔާ ދެމުންނެވެ. ފަނާކުރަނިވި ހަތިޔާރު ބޭނުންކޮށް ޤަތުލުޢާންމުތައް ހިންގިއިރު، ދެ ފަރާތަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
އެވާހަކަ ބައިނަލް އަޤްވާމީ ޕޯޑިއަމްގައި ދައްކަން ފެށުމުން އިޒްރޭލާއި އެމެރިކާއިން މުި ދުނިޔޭޣައި ފަތުރަން މަސައްކަތްކުރި ހަބަރަކީ އަމިއްލަ ނަފްސުގެ ދިފާއުގައި ފަލަސްތީނަށް ހަމަލާ ދިނުމަށް އިޒްރޭލަށް ހައްގުވާ ކަމަށެވެ.

ޔުނިސެފްގެ ހިސާބުތަކުން އެނގެން އޮތް ގޮތުގައި ކުޑަކުދިިންނާއި އަންހެނުންގެ ފޭލިގެތަކަށް ބޮމުގެ ވާރޭ އޮއްސައި 14500 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދު ކޮށްލާފައެވެ. 12000 އަށް ވުރެ ގިނަ ކުޑަކުދިން ވަނީ ޒަޚަމްވެ އޭގެތެރެއިން އެތައް ކުއްޖަކު ވަނީ ނުކުޅެދޭ ކުދިންނަށް ވެފައެވެ. 10000 އާއި ގާތްކުރާ އަދަދަކަށް އަންހެނުން ވަނީ ޝަހީދު ކޮށްލާފައެވެ. މީގެ އިތުރުން އިސްރާއީލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާއަށް ޒަރޫރީ ތަކެތި ވަނުން ގާތްގަނޑަކަށް އެއްކޮށް މަޑުޖެހި ހައިހޫނުކަމުގައިވެސް ޣައްޒާގެތުއްތު ކުދިން ދަނީ ދުނިޔެ ދޫކުރަމުންނެވެ. އެހެންކަމުން އިންސާނީ އެހީ ފޯރުކޮށްދޭ އެކިއެކި ޖަމިއްޔާތައް ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ އެއްވެސް ހުރަހެއް ނެތި ފަލަސްޠީނަށް އެހީ ފޯރުކޮށް ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން އިސްރާއީލުން ޖަހާފައިވާ ބެރިކޭޑްތައް ނަގައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ތަކުރާރުކޮށް ގޮވާލާފަ އެވެ.
ބައިނަލްއަޤްވާމީ ތަދައްޚުލް އަދި ކުރިއަށް އޮތް ގޮންޖެހުން
އެމެރިކާއިން އެކުލަވާލައި އދ. ގެ ތާއީދު ލިބުނު ހަނގުރާމަ ހުއްޓާލުމާބެހޭ ޤަރާރު ހަމާސްއިން ބަލައިގަތްއިރު މަޤްޞަދަކީ އިންސާނީ ކާރިސާތަކާއި ކުރިމަތިލާން ޖެހިފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައި، ދިގު މުއްދަތަކަށް ސުލްހައިގެ މަޝްވަރާތަކަށް މަގުފަހިކުރުމެވެ. މި ސަރަހައްދުގެ ކޮންޓުރޯލް ނަގަން ބޭނުންވާ މުހިންމު ފަރާތެއްގެ ގޮތުގައި އެމެރިކާ އޮތްއިރު، އެމީހުންނަށްށް ބޮޑު ޕްރެޝަރެއް ކުރިމަތިވެފައިވަނީ، ރަޝިއާގެ މަދަދު ލިބޭ އަސަދުގެ ސީރިއާ ތެރެއިންވެސް ތެލްއަވީވުގެ ޔަހޫދީ ސަރުކާރަށް އަމާންކަން ނުލިބޭތީއެވެ. އަނެއްކޮޅުން ޝީޢީން ދަނީ އެމީހުންގެ ކުދިކުދި ޖަމާޢަތްތަކުން ލީބިއާ ތެރެއިންވެސް އިސްރާއީލަށް އަމާންކަން ނުދީ ބިރުވެރިކަން އުފައްދަމުންނެވެ.
ހަނގުރާމަ ހުއްޓާލުމުގެ ގަރާރު ހަމާސްއިން ބަލައިގަތުމަކީ ހެޔޮ ފިޔަވަޅެއް ނަމަވެސް، ސުލްހައިގެ މަގު އަދިވެސް އޮތީ ގޮންޖެހުންތަކުން ފުރިފައެވެ. މި ޤަރާރު ތަންފީޛުކުރާކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން ކޯޑިނޭޓްކޮށް ގިނަ މަސައްކަތްތައް ކުރަން ޖެހިފައިވާއިރު، ހުރިހާ ބައިވެރިންގެ ފަރާތުން އެއްބާރުލުން ބޭނުންވެއެވެ. ނަމަވެސް، ހާލަތު އަދިވެސް އޮތީ އަނދަމުންދާ އަލިފާނަށް ތެޔޮއަޅަމުންދާ ފަދައިންނެވެ. މި އެއްބަސްވުމުގެ ސަބަބުން ހަމަނުޖެހުން ދާއިމީކޮށް ހުއްޓިދާނެތޯ ކަނޑައެޅުމުގައި ކުރިއަށް އޮތް ދުވަސްތަކަކީ ވަރަށް މުހިންމު ދުވަސްތަކަކަށް ވާނެ އެވެ.
ދުނިޔޭގެ ލޯ
ދުނިޔެ ބަލަމުންދާއިރު، އުންމީދަކީ، ހަނގުރާމަ ހުއްޓާލުމުގެ މި އެއްބަސްވުމަކީ ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމްކޮށް، ޣައްޒާގައި އިންސާނީ ދަތިކަން ކުޑަކުރުމަށް މަގުފަހިކޮށްދޭނެ އެއްބަސްވުމަކަށް ވުމެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަކާލާތު ކުރަމުންދަނީ، ހަމަނުޖެހުންތަކުގެ އަސްލު ސަބަބުތަކަށް ޙައްލެއް ހޯދައިދީ، މި ސަރަޙައްދުގައި ދެމިއޮންނަ ސުލްޙައާއި ހަމަޖެހުމަށް މަގު ފަހިކޮށްދިނުމަށެވެ.
އެމެރިކާއިން މި ހަނގުރާމަ ހުއްޓާލުމަށް އިސްނަގައި އދ އަށް ހުށަހަޅައި އެ ގަރާރު ފާސްވި ކަމުގައި ވިޔަސް މިއީ ދާއިމީ ކަމަށް ނުވާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި މިއީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް މުސްލިމުންގެ ތާއީދު ހޯދުމަށާއި، އިސްރާއީލުގެ ވެރިން ބައިނަލްއަޤްވާމީ ކޯޓުން "ސަލާމަތްކުރުމަށް" ބައިޑެންގެ ސަރުކާރުން ޖަހާލި މަޅިއެއް ނޫން ބާވައެވެ.



