އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް 287،462 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފިއެވެ.
އެ ކޮމިޝަނުން މިއަދު ބުނެފައިވަނީ، ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސްއާ ހަވާލުކޮށްގެން ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 287،462 ވޯޓު ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިލެކްޝަން ކޮމިޝަނުން ދަނީ ތައްޔާރީތައް ވަމުންނެވެ. ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް މިއަދު ފަތިހު 4:00 ގައި ވަނީ ފަށާފައެވެ. އެގޮތުން މިއަދު ވޯޓުލާ މަރުކަޒަށް ބޭނުންވާތަކެތި ފޮނުވުމަށް ހަމަޖެހިފައި ވަނީ ށ، ނ، ރ، ބ އަދި ޅ އަތޮޅަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.
12 އަތޮޅެއްގެ ވެރިކަން ކުރާ ރަށަށް ތަކެތި އިއްޔެ ފޮނުވާފައިވާއިރު، އއ. އދ. ވ. މ. ފ. އަދި ދ އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވުން ކުރިއަށް ދަނީ ކަނޑުމަގުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ. އަދި ތ. ލ. ގއ. ގދ. ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ތަކެތި ފޮނުވުމުގެ މަސައްކަތް ވައިގެ މަގުން ފަށާފައިވާކަމަށް އީސީއިން ވަނީ ބުނެފައެވެ.
މަޖިލިސް އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ. ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަކަށް މެންބަރުން ހޮވުމަށް ބާއްވާ މި އިންތިހާބުގައި ޖުމްލަ 600 އަށްވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ވަނީ ކަނޑައަޅައިފައެވެ. އަދި އެ ނޫން ނަމަ ވޯޓު ބާތިލްވާނެ ކަމަށް ވެސް އެެ ކޮމިޝަނުން ބުނެފައިވެއެވެ.








