މުރަކަތައް ހުދުވާ މައްސަލައިގައި ސަރުކާރުން މެއި މަހުގެ 9 ވަނަ ދުވަހު ހުއްޓުވާލި މުރަކަތަކާއި ގުޅުންހުރި މޫދުގައި ކުރަންޖެހޭ މަސައްކަތް މިހާރު އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް ފެށޭނެ ކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ / އީޕީއޭ އިން ބުނެފިއެވެ.
އީޕީއޭއިން ވަނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ފަރުތަކަަށް ސީދާ އަދި ނުސީދާ ގޮތުން އަސަރުކުރާ މަސައްކަތްތަކަށް އީ.އައި.އޭ އާއި ބިންހިއްކުމާއި ފަޅު ފުންކުރުމަށް ބޭނުންވާ ހުއްދަތައް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައެވެ. އެގޮތުން ބިންހިއްކުން، ފަޅު ކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން ފަދަ މަސައްކަތްތަކަށް އީ.އައި.އޭ އަދި ހުއްދަ ދޫކުރުން މަޑުޖައްސާލިކަން އަންގަންވެގެން ކުރި އިއުލާނުގައި އޭރު ބުނެފައި ވަނީ 1 މަސް ދުވަސް ފަހުން އެކަން ރުޖޫޢު ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.
އީޕީއޭއިން އޭރު އެޅި ފިޔަވަޅަށް ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކުން ވަނީ މަރުޙަބާވެސް ކިޔާފައެވެ. މި ފިޔަވަޅަކީ ރާއްޖޭގެ ފަރުތައް ހިމާޔަތްކޮށް، ތިމާވެށި ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމަށް މުހިއްމު ފިޔަވަޅުތަކެއްކަމަށް ދުނިޔޭގެ ޤައުމުތަކުން ޤަބޫލު ކުރެއެވެ.
ގާ ހުދުވުމުގެ މައްސަލައާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖެ މި ވަގުތު އޮތީ "އެލާރޓް ލެވަލް 1" ގައެވެ. އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ގާ ހުދުވާކަމުގެ ރިޕޯޓްތައް ލިބުމުން އެމައްސަލައަށް އެކަށީގެންވާ އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ރައީސް މުއިއްޒު ވަނީ ނިމިދިޔަ ސިޑްސްގެ ބައްދަލުވުމުގަިއވެސް ރާއްޖޭގެ ހުދުވަމުންދާ މުރަކައިގެ އިންތިހާ ކަންބޮޑުވާ މައްސަލައަށް އިޝާރާތްކޮށް ވާހަކަފުޅުދައްކަވާފައެވެ.



