"ލޭނު ހުއްދައެއް ނުދޭނެ ، ތެޔޮވެސް ލިބޭނެ" - ސަރުކާރު
ލޭނު އަޅައިގެން ކަންނެލި ބާނަން ހުއްދަ ނުދޭނެ ކަމަށާ ، ކަންނެލި އޮޑިފަހަރުތަކަށް އެއްގަމުން އަގު ހެޔޮކޮށް ޑީސަލްވެސް ލިބޭނެ ކަމަށް ސަރުކާރުން ބުނުމުން، މަސްވެރިން ކުރަމުން އައި އިހުތިޖާޖު ހުއްޓާލައިފިއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމްކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން މަސްވެރި އުޅަނދުތައް މާލެ ގެނެސް ހުޅުމާލޭގެ ކަންނެލި ޖެޓީގައި ކުރިޔަށް ދިޔަ މި އިހުތިޖާޖުގައި މަސްވެރިން ވަނީ އެމީހުންގެ ޝުޢޫރު ފާޅުކޮށް ބެނާތައް ދަމާފައެވެ. އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގާއިރު މަސްވެރިންގެ ބޭނުންވީ އެމީހުންގެ އިހުސާސްތައް ސަރުކާރަށް އިއްވުމަށް ކަމަށް މަސްވެރިން ބުންޏެވެ.
ރޭގެ އިހުތިިޖާޖު ނިންމާލިއިރު މި އިހުތިޖާޖު އިންތިޒާމްކުރި ފަރާތުން ބުނީ ސަރުކާރުން ވަނީ ލޭނު އަޅައިގެން ކަންނެލި މަސްވެރިކަމަށް ހުއްދަ ނުދޭނެ ކަމަށެވެ. މަސްވެރިން ބުނާގޮތުން ލޭނު އަޅައިގެން ކަންނެލީގެ މަސްވެރިކަން ކުރާނަމަ ދިވެހި މަސްވެރިންނަށް ކަންނެލި ލިބުން ދަތިވާނެއެވެ. މީގެ އިތުރުން އެއްގަމު ސެލްތަކުން މަސްވެރިންނަށް ޑީސަލް ނުލިބޭތީވެ އެ ޝަކުވާ ކުރުމުން އެކަމަށްވެސް ސަރުކާރުން ވަނީ ހައްލު ހީދައިދީ، އެއްގަމު ސެލްތަކުން ކަންނެލި މަސްވެރިކަންކުރާ އުޅަނދުތަކަށް ޑީސަލް ލިބޭނެ ކަމުގެ ޔަޤީންކަން ދީފައެވެ.
މަސްވެރިން ރޭ އިހުތިޖާޖުކުރިއިރު ފާއިތުވީ ދެމަހު އެމީހުންގެ ބިލްތަަކަށް ފައިސާ ނުލިބޭތީ އެ ޝަކުވާވެސް ވަނީ ކޮށްފައެވެ. އެސްޓީއޯއިން ޑީސަލް މިހާރު ވިއްކަނީ 13.92 ރުފިޔާއަށް ލީޓަރެކެވެ.



