ފަލަސްތީނަށް އެހީވުމަށް އދ އިން އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް "ޔޫއެންއާރުޑަބްލިއުއޭ" އަށް ކޮންމެ އަހަރަކު ރާއްޖެއިން ދެމުންދާ ޢަދަދު ޑޮލަރު މިފަހަރު އިތުރު ކޮށްފި ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއަޖެއެވެ.
ދިވެހި ރާއްޖެއިން ޔޫއެން ނުވަތަ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާއާއި ފައިސާ ދޭއިރު އަމާނާތްތެރިކަމާއިއެކު މިފައިސާ ބަރާބަރަށް ފަލަސްޠީނަށް ލިބޭތޯ ކަށަވަރެއް ނުވެއެވެ. ފެންނަން އޮންނަނީ އދ އިން ތައްޔާރުކުރާ ރިޕޯޓެކެވެ.
"ރާއްޖެއިން ދެމުން އަންނަނީ އަހަރަކު 5000 ޑޮލަރު. އެކަމަކު 7 އޮކްޓޯބަރުން ހިންގަމުންދާ އިސްރާއިލުން ދެމުންދާ ޙަމަލާތަކާ ގުޅިގެން، މިއަހަރު ރާއްޖެއިން އެހީގެ ގޮތުންގައި 50000 ޑޮލަރު ދޭން ވަނީ ނިންމާފައި. އެއީ މިހާރު ދޭ މިންވަރަށްވުރެ 10 ގުނަ އިތުރު އަދަދު." ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ޔޫއެންއާރުޑަބްލިއުއޭ އިން މި ފައިސާ ބޭނުންކޮށްގެން ތަޢުލީމާއި ސިއްޙީ ފަރުވާއާއި ރިލީފް އަދި އިޖުތިމާޢީ ޚިދުމަތްތަކުގެ އިތުރުން ކުއްލި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. އެ އިދާރާއިން ސްކޫލްތަކާއި ސިއްޙީ ކްލިނިކްތަކާއި އިޖުތިމާއީ ހިދުމަތްދޭ މަރުކަޒުތައް ހިންގާއިރު، ފަލަސްތީނުގެ ގާތްގަނޑަކަށް 6 މިލިއަން ރެފިއުޖީންނަށް ހިދުމަތް ދެ އެވެ.

މުހިންމު ގޮތެއްގައި ޣައްޒާ، ހުޅަނގު އައްސޭރި، ލުބުނާން، ސީރިއާ އަދި ޖޯޑަންގައި ހިންގާ ޔޫއެންއާރުޑަބްލިއުއޭ އިން ހަދިޔާތައް ބޭނުންކޮށްގެން ފަލަސްތީނުގެ ރެފިއުޖީންނަށް ތައުލީމާއި ސިއްހީ ފަރުވާ އަދި ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުން ފަދަ މުހިންމު ހިދުމަތްތައް ފޯރުކޮށްދޭއިރު، މިއީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އިންސާނީ ދަތިތަކުގެ ތެރޭގައި މުހިންމު އެހީތެރިކަމެއް ފޯރުކޮށްދޭ އެންމެ ބޮޑު އިންސާނީ ޖަމިއްޔާ އެވެ. ރާއްޖެ ފަދަ ކުދި ޤައުމުތަކުގެ އިތުރުން މި އިދާރާއަށް އެމެރިކާ، ކެނެޑާ، ޖަރުމަން، އަދި އެހެނިހެން ޤައުމުތަކުން ވެސް ބޮޑެތި ކޮންޓްރިބިއުޝަންތަކެއް ލިބެ އެވެ. 1950 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޔޫއެންއާރުޑަބުލިޔުއޭއަށް އެންމެ ގިނައިން ފައިސާ ދިނީ އެމެރިކާއިންނެވެ. އެޤައުމުން 7.1 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ދީފައި ވެއެވެ.



