މި އަހަރުގެ އަޟްހާ އީދު ބަންދުގައިވެސް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަން އިން ބުނެފިއެވެ.
އިމިގްރޭޝަން އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އީދު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން 17 ޖޫން އިން 20 ޖޫން ގެ ނިޔަލަށް ޕާސްޕޯޓުގެ ޚިދުމަތްތައް ލިބޭނެ ކަމަށް އިމިގްރޭޝަން އިން ބުންޏެވެ.
އިމިގްރޭޝަން އިން ބުނީ އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
65 އަހަރުން މަތީގެ ފަރާތްތަކަށް އަދި އެމަރޖެންސީ ޙާލަތްތަކުގައި އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އެ ދުވަސްތަކުގައި 9:00 އިން 13:00 އަށް ފަހިވެފައި އޮންނާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަން އިން ބުނީ ޕާސްޕޯޓާއި ޙަވާލުވުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 8:30 އިން 16:00 އަށް ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ކަމަށެވެ. އަދި އިމިގްރޭޝަނަށް ހާޒިރުވެގެންވެސް މެންދުރު 12:00 އިން 12:24 އަށް ނަންބަރު ނެގޭނެ ކަމަށް އިމިގްރޭޝަން އިން ބުންޏެވެ.
މީގެ އިތުރުން މެޑިކަލް އެމަރޖެންސީ ޙާލަތްތަކުގައި 9555333 އަށް ގުޅުއްވައިގެން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަން އިން ބުންޏެވެ.



