ޕައިލެޓުކަން ކިޔަވަން ދޫކުރާ ލޯނުގެ އަދަދު މަދުކޮށްފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރު ސްޓޫޑަންޓް ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޕައިލެޓުކަން ކިޔެވުމަށް ދޫކުރާނީ 10 ޖާގަ ކަމަށެވެ. އަދި އޭގެ މައިގަނޑު ސަބަބަކީ ރާއްޖޭގައި ޕައިލެޓުން ގިނަވެފައި އެ ދާއިރާއިން ފުރުޞަތު ނުލިބި ތިބި މީހުން ގިނަކަމުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިދިޔަ ސަރުކާރުގައި ޕައިލެޓުކަން ކިޔަވަން 500 އަށްވުރެ ގިނަ ދަރިވަރުންނަށް ވަނީ ލޯނު ދޫކޮށްފައެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަހަރުވެސް އެތައް ދަރިވަރުންނެއް ޕައިލެޓުކަން ކިޔެވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި ޕައިލެޓުކަން ކިޔެވުމަށް މިފަހަރު ދޭ 10 ޖާގައަށް ޝަރުތުހަމަވާ 148 ދަރިވަރުން އެބަތިބި ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް އެހާ ގިނަ ދަރިވަރުންތަކެއް އެއް ފަހަރާ އެއް ދާއިރާއަކުން ކިޔަވައިގެން އައުމަކީ ވަޒީފާ ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ 10 ޖާގައަށް ޝަރުތުހަމަވާ 148 ދަރިވަރުންގެ ތެރެއިން ޕައިލެޓުކަން ކިޔެވުމަށް ޖާގަ ނުލިބޭ ދަރިވަރުންނަށް ދާއިރާ ބަދަލުކުރުމުގެ ފުރުޞަތު ފަހިވެފައިވާ ކަމަށެވެ. އެކަމާ ގުޅޭ ނަތީޖާ އެ މިނިސްޓްރީގެ 'މައި އެޑިއު ޕޯޓަލް' އިން ފެންނަން ހުންނާނެ ކަމަށާއި، ނަތީޖާއާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުންނެވެ.



