މީޑިއާތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން އެހީތެރިކަން ދިނުމަށް އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވާކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު ވިދާޅުވީ މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމަށްޓަކާ އެންމެ ފުރަތަމަ ރާއްޖޭގެ އެންމެ ސީނިއަރ އެޑިޓަރުންނާއި މަޝްވަރާކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެގޮތުގެ މަތިން އޮންލައިން، ޕްރިންޓް އަދި ޓީވީ ސްޓޭޝަންތަކުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
މީޑިއާތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން އެހީތެރިކަން ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދަކަށް ވާއިރު، މީގެ ބޭނުމަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، މިނިވަންކަމާއެކު މަސައްކަތް ކުރާ މީޑިއާއެއް އޮތް ޤައުމަކަށް ހެދުން ކަމަށް ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ މީޑިއާތަކަށް ދޭނެ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށެވެ.
ސަރުކާރުން ވަނީ މީޑިއާތައް ހިންގުމަށް ރަނގަޅު މާހައުލެއް ޤާއިމްކުރުމަށްޓަކައި މީޑިއާ ވިލެޖެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އެގޮތުން މިދިޔަ މެއި މަހު ސަރުކާރުން ބުނެފައިވަނީ މީޑިއާ ވިލެޖެއް ހަދަން ހުޅުމާލެއިން ބިމެއް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މީޑިއާތައް ބޭނުންވާ ގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.



