މި ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ފްލެޓުތައް އެޅުމުގެ ސްޕީޑު ބާރު ކޮށްފިއެވެ.
އެފްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ހަމްދާން ޝަކީލް "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފްޑީސީ ބޯހިޔާވަހިކަމުގެ މަޝްރޫއު ފެށި ފަހުން މިދިޔަ ސަރުކާރުގައި 22 މަސް ދުވަހުގެ ތެރޭގައި ޖުމްލަ 216 ފްލޯ ހަދާފައިވާއިރު ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ޖުމްލަ 192 ފްލޯ ޖަހާފައިވާ ކަމަށެވެ. ކޮންސްޓްރަކްޝަން ޝެޑިއުލް އޮޕްޓިމައިޒްކޮށް، ވަސީލަތްތަކާއި އެހެނިހެން ޚިދުމަތްތައް ފަހިކޮށްދިނުމުން، މަހަކު އެވްރެޖްކޮށް 10 ފްލޯ އިން މަހަކު އެވްރެޖްކޮށް 48 ފްލޯއަށް އިމާރާތް ކުރުމުގެ ރޭޓް އިތުރުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ނިންމަވާފައިވާ މަޝްރޫޢުގެ ސްކޯޕްގައި، ޓަވަރުތައް ޕަވަރ ގްރިޑަށް ގުޅާލުމާއި، ސެކިއުރިޓީ ސިސްޓަމްތަކާއި، ޓަވަރުތަކާއި ކުއްޔަށް އުޅޭ ފަރާތްތަކަށް އިންޓަނެޓާއި އެހެނިހެން މީޑިއާކަނެކްޓް ކުރެވޭނެ ގޮތަށް ޖީ.ޕީ.އޯ.އެން ނެޓްވޯކް، ކުނި ނައްތާލުމުގެ ނިޒާމާއި ލޭންޑްސްކޭޕިންގ ގެ މަސައްކަތްތައް ފަދަ މުހިންމު ޚިދުމަތްތަކާއި ވަސީލަތްތައް ނުހިމަނާ ކަމަށް ހަމްދާން ވިދާޅުވިއެވެ. އަދި ކުރީގެ ސަރުކާރުން ބާކީ ކުރި މި އިތުރު މަސައްކަތްތައް ނިންމުމަށް އިތުރު 454.5 މިލިއަން ރުފިޔާގެ ބޭނުންވާ ކަމަށާއި އިތުރު މަސައްކަތްތަކަށް ފައިނޭންސިން ހޯދުމުގެ މަސައްކަތް އެފްޑީސީން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހުޅުމާލޭގައި ހަދަމުން އަންނަ 4،000 ފްލެޓުތަކުގެ ލިސްޓުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ އިރު، އެ ކޮމިޝަނުން ކުރަމުން އަންނަ ތަހުގީގު ނިމޭތާ ތިން ދުވަސް ތެރޭގައި ފްލެޓު އެއްބަސްވުމުގައި ސޮއިކުރަން ފެށޭ ވަރު ވާނެ ކަމަށް އެފްޑީސީ އިން ވަނީ މިއަހަރުގެ ޖެނުއަރީ މަހު ބުނެފައެވެ.
އެފްޑީސީން ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯއެއްގައި ބުނެފައިވަނީ އޭސީސީން ފްލެޓް ލިސްޓުގެ މައްސަލަ ނިމުމުން ތިން ދުވަސް ތެރޭގައި ފްލެޓު ހައްގުވެރިން ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ. މިހާރު އެގްރީމެންޓުތައްވެސް ޕްރިންޓްކޮށްފައިވާ ކަމަށް ވެސް އެ ވީޑިއޯގައި ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ. އަދި ލިސްޓު ނިމި އެގްރީމެންޓުތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށުމާއެކު އެމަސައްކަތާ ގުޅޭ އިތުރު ތަފްސީލު ހާމަކުރާނެ ކަމަށް ބުނެފައިވެއެވެ.
ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް ލިބޭ މީހުންނެވެ. ތިން ކޮޓަރި ދޭން ހަމަޖައްސާފައިވަނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.
ކުރީ ސަރުކާރުން ވަނީ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާއްމުކޮށް ބައެއް މީހުންނަށް ލިޔުން ވެސް ދީފައެވެ. އެ ފްލެޓަށް 13،000 މީހުން ސަރުތު ހަމަވާ ކަމަށް ކަނޑައަޅައި، ކުރީގެ ސަރުކާރުން ވަނީ ބާކީ ތިބި މީހުންނަށް އިތުރު ފްލެޓު އަޅާނެ ކަމަށް ބުނެފައެވެ. އެކަމަކު، އޭސީސީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަންގެ ތަހުގީގު ނިމެންދެން ފްލެޓު ދިނުން މަޑުޖައްސާލަން އެންގިއެވެ.








