20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު، އަދި މައިނޯރިޓީ ލީޑަރަކަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ހަމަޖައްސައިފިއެވެ.
މަޖިލީހުގެ މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރު ކަނޑައަޅުއްވައި އެކަން އިއުލާނު ކުރައްވާފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ވަނަ ޖަލްސާގައެވެ. އެބޭފުޅުންގެ ނަންތައް އިއުލާނުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 75 ގޮނޑިއާއެކު މެޖޯރިޓީ ތަމްސީލުކުރަނީ ސަރުކާރު ތަމްސީލު ކުރާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިންނެވެ. އަދި 12 ގޮނޑިއާއެކު ދެވަނައަށް އެންމެ ގިނަ ގޮނޑި ތަމްސީލުކުރަނީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ.
ޕީއެންސީގެ ޕީޖީ ލީޑަރަކަށް ފަލާހު އައްޔަންކުރައްވާފައިވަނީ މިދިޔަ މެއި މަހުގެ 22 ގައެވެ. އަދި އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް އައްޔަންކުރައްވާފައިވަނީ މިދިޔަ މެއި މަހުގެ 27 ގައެވެ.



