މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މީޑިއާ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މި އަހަރުގެ ނޫސްވެރިކަމުގެ އިނާމުވެސް ދިނުމަށް ހަމަޖެހިފައިވަނީ ނޫސް މަޖައްލާ ކެޓަގަރީއާއި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ ވަކި ވަކިން ކަމަށެވެ.
މިފަހަރު ޖުމްލަ 18 ދާއިރާއަކުން އިނާމު ދިނުމަށް މީޑިއާ ކައުންސިލުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އަލަށް އިނާމުދޭ ދާއިރާތައްވެސް ހިމެނެއެވެ. އެ ދާއިރާތަކަކީ:
- ތާރީހާއި ސަގާފަތުގެ ދާއިރާ
- މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
- ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ
- އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ
- އަހަރުގެ އެންމެ މޮޅު ކަވަރޭޖުގެ އިނާމު
- އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު
މީގެ އިތުރުން ދެން އިނާމު ދޭ ދާއިރާތަކަކީ:
- ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ
- އިޖުތިމާއީ ދާއިރާ
- ސިޔާސީ ދާއިރާ
- ޝަރުއީ އަދި ގާނޫނީ ދާއިރާ
- ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާ
- ކުޅިވަރުގެ ދާއިރާ
- ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
- ވީޑިއޯ ޑޮކިއުމެންޓަރީގެ ދާއިރާ
- ގްރެފިކްސްއާއި އިލެސްޓްރޭޝަންސްގެ ދާއިރާ
- ފީޗާ ރިޕޯޓުގެ ދާއިރާ
- އުއްމީދީ ނޫސްވެރިޔާ
- އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ
އިނާމަށް ނަން ހުށަހެޅުމަށްޓަކައި މީޑިއާ ކައުންސިލުން ވަނީ ގޫގުލް ފޯމެއް ތައްޔާރުކޮށްފައެވެ. މި ފޯމު މެދުވެރިކޮށް ޖޫން 30 ގެ މެންދުރުފަހު 1:00 ގެ ކުރިން ނަން ހުށަހެޅޭނެ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.



