19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
އެއީ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު އާއި ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އާއި އެޓަރނީ ޖެނެރަލް އަޙުމަދު އުޝާމް އެވެ.
ތިން ވަޒީރުންނަށް ރުހުން ދިނުމަށް ވަކި ވަކިން މިއަދު އެހި ވޯޓުގައި ޝަހީމާއި އުޝާމަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. އެ ދެ ބޭފުޅުންނަށް ރުހުން ނުދިނުމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ހައިދަރަށް ރުހުން ދިނުމަށް ނެވި ވޯޓުގައި އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ތިން މެމްބަރަކު ވަނީ ދެކޮޅަށް ވޯޓުދެއްވާފައެވެ.
އެ ތިން ވަޒީރުންނަށް 19 ވަނަ މަޖިލީހުގެ ރުހުން ނުލިބުނު ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ އެ މަޤާމުތަކަށް ހަމަ އެ ވަޒީރުން އަލުން އައްޔަން ކުރައްވާފައެވެ.



