އިންޑިއާގެ ބޮޑުވަޒީރު ކަމަށް ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ގައުމުތަކުގެ ވެރިންގެ ޝަރަފުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ޖާފަތުގައި މޯދީގެ އެންމެ އަރިހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންނެވުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
މޯދީ އާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއެކުގައި ހަތް ގައުމެއްގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެ ގައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރުގެ މަގާމުގެ ހުވައި ލައިދެއްވީ އިންޑިއާގެ ރައީސެވެ.
ހުވާކުރުމުގެ މި ރަސްމިއްޔާތަށްފަހު ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އަދި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ހަނދާނީ ފޮޓޯފުޅުގައި ބައިވެރިވެވަޑައިގެންފައެވެ.
މޯދީ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވެރިންގެ ޝަރަފްގައި އެ ގައުމުގެ ބޮޑު ވަޒީރު ދެއްވެވި ޖާފަތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި އިރު، މޯދީގެ އެންމެ އަރިހުގައި އެމަނިކުފާނުގެ ވާތް ފަރާތުގައި އިންނެވީ ރައީސް ޑރ. މުއިއްޒެވެ. އަދި މޯދީގެ ކަނާތް ފަރާތުގައި އިންނެވީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައެވެ. މިކަމުން އިންޑިއާގެ މީޑިއާތަކަށާއި ނޫސްވެރިންނަށާއި ދިވެހިންނަށް ވެސް ލިބުނީ ހައިރާން ކަމެކެވެ.
އިންޑިއާގެ ބައެއް ނޫސްވެރިން ފާހަގަ ކުރި ގޮތުގައި އެ ރަސްމިއްޔާތުގައި ވެރިން އިށީނދެ ވަޑައިގަންނަވާ ތަރުތީބަކީ އިއްތިފާގުންވާ ކަން ކަމެއް ނޫނެވެ. އަދި އެ ތަރުތީބު ކަނޑައަޅާނީ އިންޑިއާ ސަރުކާރުގެ އެންމެ މަތީ ލެވެލްގެ ބޭފުޅުން ކަން ވެސް ބައެއް ނޫސްވެރިން ފާހަގަ ކުރިއެވެ.
ބައެއް ދިވެހިން ވެސް މީސް މީޑިއާގައި މިކަމާ ގުޅިގެން ވަނީ ހިޔާލު ފާޅުކޮށްފައެވެ. އެ ދިވެހިން ފާހަގަ ކުރި ގޮތުގައި މިއީ އިދިކޮޅު އެމްޑީޕީން ބަލަން އުނދަގޫ ވާނެ މަންޒަރެކެވެ. އަދި މި މަންޒަރު އިދިކޮޅަށް "ހަޖަމެއް" ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަތުމަކީ "ހިކުމަތްތެރި ހަރުދަނާ" ނިންމެވުމެއް ކަމަށެވެ. ޝަހީމް ވިދާޅުވީ އެކަމުން ރަމްޒުކޮށްދެނީ އިންޑިއާ އަދި ރާއްޖޭގެ ތާރީހީ ގުޅުން ދެމިއޮތުމަށް ދެފަރާތުން ވެސް އެދޭ މިންވަރު ކަމަށެވެ.
މޯދީ ވަނީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ގައުމުތަކުގެ ލީޑަރުންނާ އެކުގައި ރާޝްތުރަޕަތީ ބަވަންގައި ބައްދަލު ކުރައްވައިފައެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ކަމަށް މޯދީ ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން އެ ލީޑަރުން ވަނީ މަރުހަބާ ދަންނަވައިފައެވެ. އަދި އިންޑިއާ އިން އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި "ސަގަރް" ވިސްނުމަށް އިސްކަން ދެއްވާނެ ކަން ހާމަކުރެއްވިއެވެ.
މޯދީ ވިދާޅުވީ ތިން ވަނަ ދައުރުގައި އިންޑިއާ އިން ގާތް ރަހްމަތްތެރި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާނީ ހަމަޖެހުން ގާއިމު ކުރުމަށާއި ތަރައްގީ އާއި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައިތާ ކުރީކޮޅު، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް ލޮޅުން އެރިއެވެ. އެންމެ ބޮޑު އެއް ސަބަބަކީ މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާއަށާއި މޯދީ އަށް ފުރައްސާރަކޮށް، ބަދު ބަސް ވިދާޅުވުމުންނެވެ. އެ މައްސަލައިގައި އެ ތިން ޑެޕިއުޓީ މިނިސްޓަރުން އަދިވެސް ތިބީ ސަސްޕެންޑްކޮށްފައެވެ. ފަހުން، ރާއްޖެ އާއި އިންޑިއާގެ ގުޅުން އަލުން ވަރުގަދަ ވާން ވަނީ ފަށައިފައެވެ.
ހާއްސަކޮށް، ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދާދި ފަހުން އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުގައި ބޭއްވި މަޝްވަރާތަކާ އެކުގައި ދެ ގައުމުން ވެސް އެކުގައި މަސައްކަތްކޮށްގެން ކުރިއަށް ދާން ބޭނުންވާ ކަން ހާމަވަގެން ދިޔައެވެ.
އެގޮތުން މިދިޔަ އޭޕްރީލް މަހު އިންޑިއާ އިން ވަނީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ސާމާނުގެ ކޯޓާ އިތުރުކޮށްދީފައެވެ. އަދި އިންޑިއާ އިން ދަތިކަމެއް ނެތި ވިސާ ލިބުމާއި ދެ ގައުމުގެ ދެމެދު ވިޔަފާރީގެ ދާއިރާގެ ގުޅުން ދެމިއޮތުމާއި މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ހިންގުން ފަދަ ކަންކަން މެދުކެނޑުމެއް ނެތި ހިނގައެވެ. އިންޑިއާ އިން މި ފަހުން ނިންމި އެންމެ ބޮޑު ނިންމުމަކީ ސޯލިހްގެ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުގެ އެއް އަހަރު ދުވަހަށް ފަސްކޮށް ދިނުމެވެ.



