އިންސާނީ ކުރިއެރުން ހޯދުމަށް މަސައްކަތް ކުރުމުގައި ބައިވެރިވެރިންނާއެކު މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ، އޭނާ ބޮޑުވަޒީރު ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެކި ގައުމުތަކުގެ އިސް ބޭފުޅުންނަށް ޝުކުރު ދެންނެވުމުގެ ގޮތުން ކުރެއްވި ޕޯސްޓެއްގައެވެ.
"ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭރުގެ އިއްޒަތްތެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން،". މޯދީ ކުރެއްވި އެކްސްގައި ވިދާޅުވެފައި ވެއެވެ.
މޯދީ ވިދާޅުވީ، އިންސާނީ ކުރިއެރުން ހޯދުމަށް މަސައްކަތް ކުރުމުގައި އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރާނީ އަގުހުރި ޕާޓްނަރުންނާއި އެކުގައި ކަމަށެވެ.
ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ މޯދީ ކުރައްވާފައި ވަނީ އަވަށްޓެރި ގައުމުތައް ކަމަށްވާ ބަންގްލަދޭޝް، ސްރީލަންކާ، ބޫޓާން، ނޭޕާލް އަދި ރާއްޖެ ހިމެނޭ ގޮތަށް ލީޑަރުންވެސް ބައިވެރިވަޑައިގަންނަވަމުން ގެންދެވި ރަސްމިއްޔާތެއްގައެވެ.
މޯދީ ބޮޑުވަޒީރުކަމުގެ ހުވާ ލައިދެއްވީ ރަސްމީ ގެކޮޅުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑްރޯޕަދީ މުރްމޫއެވެ.
މޯދީއަކީ އެގައުމުގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ޖަވާހަރްލާލް ނެހްރޫއަށްފަހު ތިން ވަނަ ދައުރަކަށް އެގައުމުގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ބޮޑުވަޒީރެވެ.



