ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ފަރާތްތަކުގެ ލިސްޓް މާދަމާ އިއުލާން ކުރާނެ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން މިއަދު ވިދާޅުވީ، މިއަހަރު ލޯނަށް ކުރިމަތިލި 1،709 ފަރާތްތަކުގެ ތެރެއިން ލޯނަށް ހޮވޭ ދަރިވަރުންގެ ލިސްޓް ޢިއުލާން ކުރާއިރު ހޮވޭ ދަރިވަރުންނަށް އެ ވުޒާރާގެ ޕޯޓަލްއިން އެކަން އެނގޭނެ ކަމަށެވެ. އަދި އެޕްލިކޭޝަންގެ "ސްޓޭޓަސް" ޕޯޓަލްގައި ބަދަލުވެއްޖެކަން މެސެޖަކުންވެސް އެންގޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ ވުޒާރާއިން ވިދާޅުވީ ނުހޮވޭ ދަރިވަރުން، ނުހޮވުނު ކަމާއި ސަބަބު އެ ވުޒާރާހެ ވެބްސައިޓުން ބެލޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
އެ ވުޒާރާއިން މައުލޫމާތު ދެއްވިގޮތުގައި ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަ ނުވާ ސަބަބާމެދު، އިތުރު ސުވާލެއް އުފެދޭނަމަ، އެކަން ބަޔާންކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުސަތުވެސް ހުޅުވާލެވޭނެއެވެ. މި ގޮތުން ޝަކުވާ ހުށައެޅުމަށް އެއް ހަފްތާގެ މުއްދަތެއް ލިބޭނެއެވެ. ޝަކުވާ ހުށަހަޅަން ބޭނުންކުރާނެ އީމެއިލް އެޑްރެހެއް އިޢުލާނުކުރެވޭނެއެވެ.
މި އަހަރު ސްޓޫޑެންޓް ލޯނަށް އެދި ހުށައެޅި ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދެއްވަން ސަރުކާރުން ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.
މިއާއެކު ލޯނު ލިބޭ ދަރިވަރުންގެ އަދަދު އިއުލާން ކުރި 500 ފުރުސަތަށްވުރެ އިތުރުވާނެއެވެ.



