ކުޅުދުއްފުށީ އެއަރޕޯޓުގައި އެންމެ ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްގީ ކުރެވޭ ޕަސެންޖާރ ޓާރމިނަލްއެއް އެޅުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަނީ ވެ ނިމިފައެވެ.
މިގޮތުން ކުޅުދުއްފުށީ އެއަރޕޯޓް ރީޑެވެލޮޕް ކުރުމުގެ މާސްޓަރ ޕްލޭންއެއް އެކުލަވާލުމަށްފަހު ޓަރމިނަލްގެ މަސައްކަތް ކުރުމަށް ހަވާލު ކުރެވޭ ފަރާތެއް ހޮވުމުގެ ބިލަމުގެ މަރުހަލާ ނިމި މަސައްކަތް ފެށުމަށް މިހާރުވަނީ ތައްޔާރުވެފައެވެ.
އެއަރޕޯޓްސް ކޮމްޕަނީން ބުނީ މި ޓަރމިނަލް ނިމިގެންދާއިރު ޓަރމިނަލްއެއްގައި ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށްޓަކައި ހުންނަންޖެހޭ އެންމެ ޒަމާނީ ކިދުމަތްތައް ފުރިހަމަވެފައި ހުންނާނެކަމަށެވެ.
ޓަރމިނަލް ނިމިގެންދާއިރު އެއްފަހަރާ އެއް ވަގުތެއްގައި އޭޓީއާރު 72 ސައިޒްގެ ދެ ފްލައިޓް އެއްވެސް ދަތިކަމެއްނެތި ހޭންޑްލް ކޮށްލެވޭ ވަރުގެ ކެޕޭސިޓީ ފުރިހަމަ ކުރެވިފައި ހުންނާނެކަމަށްވެސް އެއަރޕޯޓް ކޮމްޕަނީން ވަނީ ބުނެފައެވެ.
އެގޮތުން ޓާމިނަލްގައި ވަކިން ޑިޕާޗާ އަދި އެރައިވަލް ހޯލް ހެދިފައި ހުރުމުގެ އިތުރުން ކާގޯ ރައްކާކޮށް ބެހެއްޓޭނެ ވަސީލަތް ފުރިހަމަވެފައި ހުންނާނެކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ޓަރމިނަލް ނިމިގެންދާއިރު ފަސެންޖަރުން ފުރުވަން އަދި ބަލައިދާ ފަރާތްތަކަށް ފަސޭހަ ކަމާއެކު އިށީނދެލައިގެން ތިބެވޭނެ ވަސީލަތްތައް ފުރިހަމަވުމުގެ އިތުރުން ޓަރމިނަލް ބޭރުގައި ކެފޭއެއްގެ ހިދުމަތް ވެސް ލިބިގެން ދާނެގޮތަށް ފަރުމާ ކުރެވިފައިވާކަމަށް އެއަރޕޯޓްސް ކޮމްޕަނީން ވަނީ ބުނެފައެވެ.








