އުމުރުން އެންމެ 8 އަހަރުގެ ތުއްތު ކުއްޖަކު ވާރޭތެރޭގައި ކުޅެން ހުއްޓާ މަގުބައްތިއަކުން ލީކުވި ކަރަންޓުގައި ޖެހުމުން، އެކުއްޖާ ސަލާމަތްކުރަން ރ. އުގޫފާރު ދޫނިހުރާ އުމުރުން 18 އަހަރުގެ ހުސައިން އަތީކު ނޭނގި ނަމަވެސް އެ ކޮށްލީ ޖިހާދެކެވެ. ކަރަންޓު ހުރި ފެންގަނޑަށް އަތީކު އެރުނުއިރު އެ ފެންގަނޑުގެ ޙަޤީޤަތެއް އަތީކަށް ނޭނގިދާނެއެވެ. އަތީކު ކަރަންޓުގައި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިމަހުގެ 8 ވަނަ ދުވަހު މިދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ. މާތްﷲ އަތީކުގެ ފުރާނައަށް ރަޙްމަތް ލައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
ކޮންމެޔަކަސް، ހިނގައިދިޔަ މި ހިތާމަވެރި ހާދިސާއިން ހާމަވަނީ މިފަދަ އެކްސިޑެންޓްތައް ހުއްޓުވުމަށްޓަކައި ޢާންމު އިންފްރާސްޓްރަކްޗަރ، ޚާއްޞަކޮށް މަގުމަތީގެ ލައިޓްތައް ޤަވާއިދުން ބެލެހެއްޓުމުގެ ބޭނުންތެރިކަމެވެ.

ގަވާއިދުން އިންސްޕެކްޝަންތައް ނުހެދި...!
މި އެކްސިޑެންޓް ހިނގާފައިވަނީ މަގުބައްތިއަކުން ކަރަންޓު ލީކުވުމުގެ ސަބަބުންނެވެ.
ރޭގަނޑުގެ ވަގުތުތަކުގައި ފެންނަ ފެނުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުމަތީގެ ލައިޓްތަކަކީ ކޮންމެހެން ބޭނުންތެރި އެއްޗަކަށްވާއިރު، ފާއިތުވި އަހަރުތަކުގައި އެއްވެސް ރަށެއްގައި މިފަދަ ބައްތިތަކުގެ ސޭފްޓީ ޗެކްކުރުމުގެ މަސައްކަތެއް ކޮށްފައިވާކަމެއް އެނގިފައެއް ނެތެވެ. ރެންޑަމްކޮށް ރާއްޖޭގެ 19 އަތޮޅުން ކޮންމެ ސިޓީތައްވެސް ހިމެނޭހެން 21 ކައުންސިލް/ސިޓީކައުންސިލްގެ ފޭސްބުކް ޕޭޖް ހާވާލިއިރު މަގުބައްތިތައް އިންސްޕެކްޓް ކުރުމުގެ ފަރުވާކުޑަ ޢަމަލު ފޭސްބުކްގެ "ފަޤީރު" ޕޯސްޓުތަކުން އެނގުނެވެ.
މި ހިތާމަވެރި ހާދިސާއަށް މެދުވެރިވި މުހިންމު އެއް ސަބަބަކީ މަގުމަތީގެ ލައިޓްތައް ޤަވާޢިދުން ބަލާފައި ނުވުމެވެ. މި އިންސްޓޯލޭޝަންތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ރަށްރަށުގެ ކައުންސިލްތަކުން ގިނަ ފަހަރަށް ކުރަންޖެހޭ އިންސްޕެކްޝަންތައް ނުހިންގަ އެވެ. މި އިހުމާލުގެ ސަބަބުން ކަރަންޓު ސާމާނު ހަލާކުވެ ނުވަތަ މައްސަލަޖެހި އަދި ޢާންމުންނަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާ ނުރައްކާތެރި ހާލަތްތަކެއް ކުރިޔަށް އޮތް ތަނުގައިވެސް ކުރިމަތިވެދާނެ އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް
ކުރިއަށް އޮތްތަނުގައި މިފަދަ ހާދިސާތައް ހުއްޓުވުމަށްޓަކައި ފުރިހަމަ މެއިންޓެނަންސް އަދި އިންސްޕެކްޝަން ޕްރޮޓޮކޯލެއް ޤާއިމްކުރުން މުހިންމެވެ. އޭގެތެރޭގައި:
1- ގަވާއިދުން އިންސްޕެކްޝަން ހެދުން: ރަށްރަށުގެ ކައުންސިލްތަކުން ހުރިހާ މަގުމަތީގެ ބޮކިތަކެއް ގަވާއިދުން އިންސްޕެކްޓް ކުރުމަށް ޝެޑިއުލްކޮށް ކުރިއަށް ގެންދަން ޖެހެއެވެ. މީގެ ތެރޭގައި ކަވަރާއި ދާފަރާއި، އެއްޗެއް ހަލާކުވުމާއި، ނުވަތަ ކަރަންޓުގެ މައްސަލައެއް ހުރިކަމުގެ އެއްވެސް ޢަލާމާތެއް ހުރިތޯ ބެލުން ހިމެނެއެވެ.
2- އަވަހަށް މަރާމާތުކުރުން: ފާހަގަކުރެވޭ މައްސަލަތައް ވަގުތުން ހައްލުކުރަންވާނެއެވެ. މަގުމަތީގެ ލައިޓްތަކުގައި މައްސަލަ އުޅޭ ލައިޓްތައް މަރާމާތު ނުވަތަ ބަދަލުކޮށް ރައްކާތެރިކަން ކަށަވަރު ކުރަން ޖެހެއެވެ.
3- ޢާންމުން ހޭލުންތެރިކުރުން: ހޭލުންތެރިކުރުމުގެ ކެމްޕޭންތަކުގެ ސަބަބުން ރައްޔިތުންނަށް ޚާއްސަކޮށް ކުޑަކުދިންނަށް އެކަމުގެ ނުރައްކާތެރިކަން އެނގި، ޝައްކު ކުރެވޭ ނުވަތަ ނުރައްކާތެރި ހާލަތެއް ފެނިއްޖެނަމަ ނުވަތަ ދިމާވެއްޖެނަމަ އެކަން ރިޕޯޓް ކުރުމަށް ހިތްވަރު ލިބިގެންދާނެއެވެ.
4- ރައްކާތެރިކަމުގެ މިންގަނޑުތައް: މަގުމަތީގެ ހުރިހާ ލައިޓްތަކާއި އިލެކްޓްރިކަލް އިންސްޓޯލްމަންޓްތަކުގައި ވެސް ސްޓެލްކޯއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ހަރުކަށި މިންގަނޑުތަކަށް ތަބާވާން ޖެހެއެވެ. ވޯޓަރޕްރޫފް އަދި އިންސުލޭޓް ކޮށްފައިވާ އިންސްޓޯލޭޝަންތަކަކީ ލީކުވުން ހުއްޓުވައި، ކަރަންޓު ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ އެއްޗެކެވެ.
5- އިމަޖެންސީ ޙާލަތުގައި ކަން ކުރާނެ ގޮތް: ކަރަންޓުގައި ޖެހިއްޖެނަމަ ޢަމަލު ކުރާނެ ގޮތުގެ ތަމްރީނު ދޭންޖެހޭއިރު، ކަރަންޓު ޖެހިފައިވާ މީހެއްގެ ގައިގައި އަތް ނުލުމާއި ވަގުތުން ޕްރޮފެޝަނަލް އެހީތެރިކަން ހޯދުމުގެ މުހިންމުކަން ހިމެނެއެވެ.
ޤަވާޢިދުން އިންސްޕެކްޝަންތަކާއި މެއިންޓެނަންސް ޕްރޮޓޮކޯލްތައް ތަންފީޛުކޮށް، އަދި އިލެކްޓްރިކަލް ސޭފްޓީއާ ބެހޭގޮތުން ޢާންމުން ހޭލުންތެރިކުރުވައިގެން، މިފަދަ މުސީބާތްތައް ހުއްޓުވައި، އަޅުގަނޑުމެންގެ މުޖުތަމަޢުގެ މެމްބަރުންގެ ފުރާނަ ރައްކާތެރިކުރެވޭނެއެވެ. "...ފަރާތްތަކުން ނިދިން ހޭލައި" މިފަދަ ކަންތަކަށް ސަމާލުކަން ދޭން އެބަޖެހެއެވެ. އިތުރު ކުއްޖަކު ކަރަންޓުގައި ޖެހިއްޖެއޭ ބުނާ އަޑު އަހާކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ.



