ސްވިޑަންގައި އެތައް ފަހަރަކު ކީރި ޤުރުއާން އަންދާލި އިރާޤުގެ މުރުތައްދުވެފައިވާ ސަލްވާން މޮމިކާގެ ގަޔަށް މިއަދު ސްޓޮކްހޯމްގައި ބަޑި ޖަހައި މަރާލައިފިއެވެ.
މި ހަމަލާ ދީފައިވަނީ ޤުރުއާން އަންދާލުމުން، އޭނާގެ މައްޗަށް ކުރެވިފައިވާ ދަޢުވާތަކުގެ ޝަރީޢަތް ފެށުމަށް ހަމަޖެހިފައިވާ ކޯޓު ކައިރީގައެވެ. ޚަބަރުތައް ބުނާ ގޮތުގައި އޭނާ ވަނީ އަވަސް ފަރުވާ ދިނުމަށް ކައިރީގައިވާ ހޮސްޕިޓަލަކަށް ގެންގޮސްފައި ކަމަށާއި ނަމަވެސް ފުރާނަ ސަލާމަތެއް ނުވިއެވެ. ފުލުހުން ވަނީ މި މައްސަލައިގެ ތަޙްޤީޤު ފަށައިފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މި ހަމަލާގެ ފަހަތުގައިވާ ސަބަބެއްވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.
37 އަހަރުގެ މޮމިކާއަކީ 2023 ވަނަ އަހަރު އަޟްޙާ ޢީދު ދުވަހު ސްޓޮކްހޯމްގެ އެންމެ ބޮޑު މިސްކިތް ކުރިމަތީގައި ޤުރުއާން އަންދާލުމުން ބައިނަލްއަޤްވާމީ ސަމާލުކަމެއް ލިބުނު މީހެކެވެ. އޭނާގެ މި މުޑުދާރު ޢަމަލަށް ސްވިޑަންގެ ސަރުކާރުން ޙިމާޔަތް ދިނުމުން، ސްވީޑަނާއި މުސްލިމް ގިނަ ޤައުމުތަކާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ގޯސްވެގެން ދިޔައެވެ.
2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، މޮމިކާގެ ރެސިޑެންސީ ޕާމިޓް ސްވިޑެން އިން ބާޠިލް ކުރިއެވެ.
އެއީ އެޕްލިކޭޝަން ފޯމުގައި ދޮގު މަޢުލޫމާތު ހިމަނާފައިވާ ކަމަށް ބުނެއެވެ.
އޭނާގެ މުޑުދާރު މުރުތައްދުވުމުގެ ޢަމަލުގެ ސަބަބުން މުސްލިމު ޤައުމުތަކުން އޭނާ “ވޯންޓެޑް” ކަމަށް ބުނުމުން ސްވިޑެންއިން އޭނާ ޢިރާޤަށް ޑީޕޯޓް ކުރުމުގެ ނުރައްކާ ކުރިމަތިވުމުން،ނނޯވޭއަށް ފިލައި، އެޤައުމުގައި އަސައިލަމް ހޯދުމަށް ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ އަސައިލަމް އެޕްލިކޭޝަނާ މެދު ނިންމި ގޮތެއް ނޯވޭގެ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.



