ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް ކުރަމުންދާ ހަނގުރާމައިގައި އިއްޔެ ނުޞައިރަތު ކޭމްޕަށް ބޮން އަޅައި 210 މީހުން ޝަހީދުކޮށްލިއިރު ، އެއީ އެމެރިކާއިން އިންޓެލިޖެންސް މަޢުލޫމާތު ފޯރުކޮށްދީގެން އިސްރާއީލުން އެކޭމްޕަށް ދިން ކުއްލި ޙަމަލާއެއް ކަމަށް އިސްރާއީލްގެ ރޭޑިއޯއިން ބުނެފިއެވެ.
މިހާތަނަށް 210 މީހުން އިއްޔެގެ ޙަމަލާގައި އެކަނިވެސް ޝަހީދުވެފައިވާއިރު 610 މީހުން ޒަޚަމް ވިއެވެ. މި ޢަދަދު މިއަށްވުރެވެސް އިތުރުވާނެ ކަމަށް ފަލަސްޠީނުގެ އެހީ ފޯރުކޮށްދޭ ޖަމާޢަތްތަކުން ބުނެއެވެ.

އިއްޔެ ނުޞައިރަތު ކޭމްޕުގައި އިޒްރޭލުން ހިންގި ޤަތުލުޢާންމުގައި އިޒްރޭލްގެ ޔުނީފޯމުގެ އިތުރުން އެމެރިކާހެ ޔުނީފޯމުގައި ތިބި ސިފައިންވެސް ވަނީ ފެނިފައެވެ. ޚަބަރުތައް ބުނާ ގޮތުގައި އެއީ އެމެރިކާއިން ސީދާ މި ޙަމަލާއަށް ފޮނުވި ސިފައިން ކަމަށް ބެލެވެއެވެ. އިއްޔެގެ ހަމަލާގައި އެމެރިކާގެ ސިފައިން ކަމަށް ބެލެވޭ މީހުންގެ ވީޑިއޯއާއި ފޮޓޯ އާއި ހަތިޔާރުތައް ފެނުނުކަމުގައި ވިޔަސް ، އެއީ ސީދާ އެމެރިކާ ސަރުކާރުން ފޮނުވި ސިފައިން ކަމެއް ޕެންޓަގަނުން ނުބުނެއެވެ. އެކަމާއި ގުޅުވައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ފަލަސްޠީނުގެ ޢާންމުންނަށް ޓާގެޓްކޮށް ހަމަލާދިނުމުގެ ހައްގު އިޒްރޭލަށް ލިބިގެންވާ ކަމަށް ޤަބޫލުކުރާ މޭރުމުން ވާހަކަ ދައްކާފައެވެ..



