އިންޑިއާގެ ބަޖެޓު އެއާލައިން ގޯ އެއާއިން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް 3.6 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ ހަފްތާގެ ހޯމަ ދުވަހު ސިވިލް ކޯޓުން ހުކުމްކުރީ ގޯ އެއާއިން އޭޕްރީލް 2022 އިން މާޗު 2023އާ ހަމައަށް ހިނގި މުއްދަތުގައި އެއާޕޯޓު ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ނުދައްކާ ހުރި ފައިސާ ދެއްކުމަށެވެ.
ގޯ އެއާގެ ގައިރުހާޒިރުގައި ކުރި އެ ހުކުމުގައި އެ އެއާލައިނުން މީރާއަށް ދައްކަން ޖެހޭ ފައިސާ، ހުކުމްކުރި ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި 3،580،588 ޑޮލަރު (55.1 މިލިއަން ރުފިޔާ) ދެއްކުމަށް އަންގާފައިވެއެވެ.
ސިވިލް ކޯޓުގެ އަޑުއެހުންތަކަށް ހާޒިރުވާން ގޯ އެއާ ކުރިން ހިންގި އޮފީހުގެ އެޑްރެހަށް ޗިޓު ރައްދުކުރަން މަސައްކަތްކުރި ނަމަވެސް ޗިޓު ހަވާލުކުރެވިފައި ނުވެއެވެ.



