އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން (އައި.ސީ.ސީ) ހޯދަމުންދިޔަ ލިބިޔާގެ މީހަކު ދޫކޮށްލުމާއި ގުޅިގެން އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވަނީ ތަޙުޤީޤުގެ ދަށުގައި ކަމަށް އޭނާ މިއަދު ހާމަކޮށްފިއެވެ.
އުސާމާ އެލްމަސްރީ ނަޖީމް ނުވަތަ އުސާމާ އަލް-މަސްރީގެ ނަމުންވެސް މަޝްހޫރު މި މީހާއަކީ 2015 އިން ފެށިގެން ލިބިޔާގެ މިޓިގާ ޖަލުގައި ހިންގި އިންސާނިއްޔަތާއި ދެކޮޅު ކުށްތަކާއި ހަނގުރާމައިގެ ކުށްތަކުގައި ތުހުމަތުކުރެވޭ މީހެކެވެ. އޭނާގެ ބެލުމުގެ ދަށުން އަނިޔާކުރުމާއި، ޤާނޫނާއި ޚިލާފަށް މީހުން ހައްޔަރުކުރުމާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ޢަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.

އުސާމާ އެލްމަސްރީ ނަޖީމް ނުވަތަ އުސާމާ އަލް-މަސްރީ
އުސާމާ އަލް-މަސްރީ މިދިޔަ ހަފުތާގައި އިޓަލީގައި ހައްޔަރުކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
މެލޯނީ ސޯޝަލް މީޑިއާގައި ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވަނީ އަލް-މަސްރީގެ މައްސަލައާއި ގުޅިގެން އޭނާއާއި ދެކޮޅަށް ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކުރުމާއި ކުށްވެރިއަކަށް އެހީތެރިވުމުގެ ތުހުމަތު ކުރެވިފައިވާ ކަމަށެވެ.
އިޓަލީގެ ޤާނޫނުގެ ދަށުން، ތަޙުޤީޤުގެ ދަށުގައި ވުމަކީ ކޮންމެހެން ކުށްވެރިވީ ކަމަކަށް ނުވާނެއެވެ. އަދި ކޮންމެހެން ރަސްމީ ދަޢުވާއަކަށް ވެސް ނުދާނެއެވެ.

އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ.
މި މައްސަލައިގައި އިޓަލީގެ އިންސާފުގެ ވަޒީރު ކާލޯ ނޯޑިއޯ، އެތެރޭގެ ކަންކަމުގެ ވަޒީރު މެޓިއޯ ޕިއަންޓެޑޯސީ އަދި ދައުލަތުގެ އަންޑަރ ސެކްރެޓަރީ އަލްފްރެޑޯ މަންޓޮވާނޯ ވެސް ވަނީ ތަޙުޤީޤުގެ ދަށުގައި ކަމަށް މެލޯނީ ބުނެފައި ވެއެވެ.
އަލް-މަސްރީ ލިބިޔާއަށް އަނބުރާ ފޮނުވާލުމާއި ގުޅިގެން އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުންނާއި އިޓަލީގެ އިދިކޮޅު ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ލިބިޔާއަކީ ޔޫރަޕަށް އެތެރެވާން މަސައްކަތްކުރާ މީހުން ހުއްޓުވުމަށް ޔޫރަޕުގެ މުހިންމު ބައިވެރިއެކެވެ.
މެލޯނީ ބުނެފައިވަނީ އަލް-މަސްރީ ދޫކޮށްލީ ރޯމްގެ އިސްތިއުނާފު ކޯޓުގެ އަމުރަކަށް ކަމަށާއި، އިޓަލީގެ ސަރުކާރުގެ ނިންމުމަކަށް ނޫން ކަމަށެވެ. އަދި އަލް-މަސްރީ ހައްޔަރުކުރުމުގެ އަމުރު ނެރުމަށް އައި.ސީ.ސީން މަސްތަކެއް ނެގި ސަބަބާއި، އަލް-މަސްރީ ޔޫރަޕުގެ ތިން ޤައުމަކަށް ދަތުރުކޮށްފައިވާއިރު، އެ އަމުރު ނެރުނު ސަބަބު ސާފުކުރުމަށް އިޓަލީގެ ސަރުކާރުން އައި.ސީ.ސީގައި އެދޭނެ ކަމަށެވެ.
އަލް-މަސްރީ ލިބިޔާއަށް ފޮނުވާލީ އިޓަލީގެ ސިއްރު އިންޓެލިޖެންސް ސަރވިސްގެ މަތިންދާބޯޓެއްގައެވެ. މެލޯނީ ބުނެފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އޭނާ ވަގުތުން ޤައުމުން ބޭރުކުރުމަށް ސަރުކާރުން ނިންމި ކަމަށެވެ. އަދި މިފަދަ ނުރައްކާތެރި މީހުން ފޮނުވާލުމުގައި އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރާ ކަމަށާއި، އެއީ އެހެން ފަސިންޖަރުންގެ ސަލާމަތަށްޓަކައެވެ.
މި މައްސަލައިގައި ތަޙުޤީޤު ކުރިއަށްދާއިރު، އިޓަލީގެ ސިޔާސީ މަޝްރަޙުގައި ހޫނުވުން އިތުރުވެ، އިދިކޮޅު ފަރާތްތަކުން މެލޯނީގެ އިސްތިއުފާއަށް ގޮވައެވެ. އެހެންނަމަވެސް މެލޯނީ ވަނީ އޭނާގެ ސަރުކާރުން ޤާނޫނާއި އެއްގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ބުނެ، އިތުބާރު ގެއްލިފައިނުވާ ކަމަށް ބުނެފައެވެ.



