މަސްވެރިންނަށް މިޔަރުގެ އުނދަގޫ ބޮޑުވާ މައްސަލައިގައި ހައްލުތަކެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ކަނޑުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މިޔަރުގެ އުދަނގޫ މަސްވެރިންނަށް ފޯރާ ވާހަކަ އާންމުވެފައިވާއިރު، މިޔަރުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ވެސް ހިނގަމުންދާ ކަމަށެވެ.
މަސްވެރިންގެ ފަރާތުން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި މިޔަރުގެ މައްސަލައިގައި ސަރުކާރުން ގޮތްތަކެއް ނިންމުމެވެ. އަދި އެ އެދުމާ އެއްގޮތަށް އެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިދަނީ ކޮބާތޯ އަޅުގަނޑުމެންނަށް ގެނެވޭނެ ހައްލަކީ ބަލައި އެކަންތައްތަކާ ދޭތެރޭގައި މަސައްކަތްތަކެއް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ކަމުގައި އާންމުން ފަރުވާތެރިވާންޖެހޭ ކަންތައްތަކެއް ވެސް އެބަހުރި ކަމަށެވެ. އެގޮތުން ޓޫރިސްޓުންގެ ޝައުގުވެރިކަން އިތުރުކުރަން ރިސޯޓުތަކުގެ ފަޅާއި ފަޅުން ބޭރުގައި މިޔަރަށް ކާންދިނުމާއި މަސް ޕްރޮސެސްކުރާ ފެސިލީޓިތަކާއި ރަށްރަށުން މޫދަށް އުކާލާ ތަކެތީގެ (ވަކިން ހާއްސަކޮށް މަހުގެ ބައިތަކުގެ) ސަބަބުން އެ ސަރަހައްދުތަކުން އާދަޔާހިލާފަށް ގިނައިން މިޔަރު ފެންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިފަހުން ލ. މާވަށް ކައިރިން މޫދުގައި ސިފައިންގެ ތަމްރީނުގެ ބައެއް ކުރިއަށްދަނިކޮށް މިޔަރެއް ހަމަލާ ދިނުމާ ގުޅިގެން ލިބުނު އަނިޔާތަކުގެ ސަބަބުން ސިފައިންގެ އޮފިސަރެއް ވަނީ ނިޔާވެފައެވެ.



