ރަނގަޅު އާމްދަނީއެއް ލިބޭ މީހަކު ދައުލަތުގެ ހަރަދުގައި ހައްޖަށް ފޮނުވުނު މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފޮނުވީ 50 މީހެކެވެ. އޭގެ ތެރެއިން މީހަކާ ބެހޭ މައްސަލައެއް ފެންމަތިވީ ޕީއެސްއެމްއަށް ދިން އިންޓަވިއުއަކަށް ފަހުއެވެ.
ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިޔަމުން ބައެއް މީހުން ބުނީ އެ މީހާއަކީ ޓީޗަރުކަމާއި މުދިންކަންވެސް ކުރާ މީހެއް ކަމަށެވެ.
މި މައްސަލަ މިހާރު އިސްލާމިކް މިނިސްޓްރީން ބަލަން ފަށާފައިވާކަން މީޑިއާތަކަށް ވަނީ ކަށަވަރުކޮށްދީފައެެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން ހައްޖަށް ފަގީރުން ފޮނުވުމުގެ ވައުދު ފުއްދަން ބޭނުންކުރީ ސަރުކާރު ފެށުން އިރު އެ މިނިސްޓްރީގައި އޮތް ފަގީރުންގެ ދަފްތަރު ކަމަށެވެ.
ފަގީރުންގެ ލިސްޓުން ހައްޖަށް ފޮނުވި 50 މީހުން ހައްޖަށް ފޮނުވީ ސީދާ ދައުލަތުގެ ހަރަދުގައި ކަމަށާއި މިއީ ޒަކާތު ފަންޑުން ފައިސާ ނަގައިގެން ކުރި ކަމެއް ނޫންކަމަށް ޝަހީމް "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފައެވެ.
"ޝަރުއީ ގޮތުން މައްސަލައެއް އޮތް ކަމެއް ނޫން ދައުލަތުގެ ފަރާތުން އެކަން އެގޮތަށް ކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރުން މިކުރިއަށް ގެންދަނީ ދައުލަތުގެ ހަރަދުގައި. އެހެން އެއްވެސް ފަންޑަކުން ފައިސާ ނަގައިގެން ކުރާ ކަމެއް ނޫން."



