ކޮންގޯ ޑިމޮކްރެޓިކް ރިޕަބްލިކްގެ އިރުމަތީ ސަރަޙައްދުގެ މުހިންމު ސިޓީ ކަމުގައިވާ ގޯމާގައި އެމް23 ގެ މީހުންނާއި ސަރުކާރު ބާރުތަކާއި ދެމެދު ގަދަ ހަނގުރާމައެއް ފެށި، މަދުވެގެން 25 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ.

އެމް23 އަކީ ކޮންގޯގެ އިރުމަތީ ސަރަޙައްދުގައި އުޅޭ ވެރިކަން ހޯދުމަށް މަސައްކަތްކުރާ ޖަމާޢަތެކެވެ.
.ކޮންގޯ ސަރުކާރުން އެމް23 ޖަމާޢަތަށް ރުވާންޑާއިން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތުކުރެވެއެވެ. ނަމަވެސް ރުވާންޑާއިން މިކަން ވަނީ ދޮގުކޮށްފައެވެ. މި ހަނގުރާމައިގެ ސަބަބުން ދެ މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގޯމާއިން ފިލާފައެވެ.
ގޯމާގެ ހޮސްޕިޓަލްތަކަށް ކުޅަދާނަ ނުވާ ވަރަށް ބަލިމީހުން އިތުރުވެފައިވާއިރު، ކަރަންޓާއި ފެނުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. އަދި އެހީ ފޯރުކޮށްދޭ ޖަމްޢިއްޔާތަކަށް އެ ސަރަޙައްދަށް ވަދެވޭގޮތް ވަނީ ބަންދުވެފައެވެ.
މި ތިންދުވަހު މަރުވި އެފްރިކާ ސިފައިންގެ ޢަދަދު ވެސް ވަނީ 13 އަށް އަރާފައެވެ.
މި ހަނގުރާމައަކީ މައިގަނޑު ގޮތެއްގައި ނަސްލީ ތަފާތުކުރުންތަކާއި މަޢުދަނުގެ މުއްސަނދި ސަރަޙައްދުތަކުގެ ބާރު ހޯދުމަށް ކުރެވޭ ހަނގުރާމައެކެވެ. އދ އިން ވަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ. ނަމަވެސް ހަނގުރާމަ ދަނީ ކުރިއަށެވެ.



