ފިލިޕިންސުން 1.8 ޓަނުގެ ކްރިސްޓަލް މެތަމްފެޓަމިން އަތުލައިގެންފައިވާ ކަމަށް އެ ގައުމުގެ ރައީސް ފާޑިނަންޑް މާކޯސް އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް ވިދާޅުވީ ބަޓަންގަސް ޕްރޮވިންސްގައި އޮތް ވޭނެއްގެ ތެރެއިން 230 މިލިއަން ޑޮލަރުގެ ޑްރަގްސް އަތުލައިފައިވާއިރު އޭގެ ޑްރައިވަރު ވެސް ހައްޔަރުކޮށްފައި ވާކަމަށެވެ. މިއީ އެ ގައުމުން މިހާތަނަށް ކްރިސްޓަލް މެތަމްފެޓަމިން އެއްފަހަރާ އެންމެ ގިނައިން އަތުލައިގަތް ފަހަރު ކަމަށެވެ.
ކުރީގެ ރައީސް ރޮޑްރިގޯ ޑެޓުއާގެ ވެރިކަމުގައި ފިލިޕިންސްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި އެތައް ހާސް ބަޔަކު ވަނީ މަރާލައިފަ އެވެ. މިހާރުގެ ރައީށް މާކޯސް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގެ މިސްރާބު ހުރީ ރަނގަޅަށްކަން މި އަތުލައިގަތް މަސްތުވާތަކެތިން އެނގޭ ކަމަށެވެ.
"ހަމަ އެންމެ މީހަކު ވެސް މަރެއް ނުވޭ. ހަމަ އެންމެ މީހަކު ވެސް މަރެއް ނުވޭ. އެކަކު ވެސް ޒަހަމެއް ނުވޭ،" ނޫސްވެރިނާ ވާހަކަ ދައްކަވަމުން މާކޯސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އޮޕަރޭޝަން ހިންގީ ވަރަށް ފަރުވާތެރިކަމާ އެކު ކަމަށާއި މިއީ މިފަދަ ކަންކަން ކުރަންޖެހޭ ގޮތް ކަމަށެވެ. ކުރީގެ ވެރިކަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް އެންމެ ހަރުކަށި އުސޫލުތައް ގެންގުޅުނަސް މިހާރު ބޮޑަށް އިސްކަންދީފައިވަނީ އެފަދަ ބާވަތްތައް ކޮންޓްރޯލްކުރުމާއި ރިހެބިލިޓޭޝަނަށެވެ.
ޔުނިވާސިޓީ އޮފް ފިލިޕީންސްގެ ރިސާޗް ޕްރޮޖެކްޓެއް ކަމަށްވާ ދަހާސްގެ ހިސާބުތަކުން ދައްކާ ގޮތުގައި މާކޯސް 2022 ވަނަ އަހަރުގެ ޖޫން މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި 600 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.








