މިއަދު ހެދުނު "ޑިސްކަވާ ޑައިވް"ގެ ނަމުގައި ވިލިމާލޭގައި ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި 46 ކުދިން ވަނީ ވައިފުޅިއަޅައިގެން ފީނާފައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ ޑައިވް ސެންޓަރެއް ކަމަށްވާ، "މޫދު ބުޅާ" އަދި "ޑައިވާސް ލޮޖު"ގެ ބޮޑު އެހީތެރިކަމަކާއެކީގަ އެވެ. އެކަން ފާހަގަކޮށް އެ ދެ އިންސިޓިއުޓްއަށް ވަނީ ހަނދާނީ ފިލާވެސް އަރުވާފައެވެ.
މި ހަރަކާތް ފެއްޓުމުގެ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަން އަހްމަދު ޝިޔާމް ވިދާޅުވީ، ދުނިޔޭގެ ކަނޑުގެ ދުވަހާ ގުޅިގެން ކުދިންނަށް އަމާޒުކޮށްގެން "ޑިސްކަވާ ޑައިވް" ހަރަކާތެއް ކުރިއަށްގެންދެވޭތީ އުފާކުރާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ކަނޑުފަޅު ހިމާޔަތްކުރުމަށް ފަރުދީ ހައިސިއްޔަތުން ކުރާ މަސައްކަތްތައް ކޮންމެ މީހަކު ކުރާނަމަ އެކަމުގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމަށެވެ. އަދި ރާއްޖޭގެ 99 އިންސައްތަ އަކީ ކަނޑުފަޅަށްވާއިރު، އެތަންތަނުން ކޮށްދޭ ކަންކަމަށް ޝުކުރުވެރިވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ދިރިއުޅުމަށް ޒަމާނުއްސުރެ ކަނޑުން ލިބޭ ނަފާ އެބަ ޖެހޭ އެޕްރިޝިއޭޓް ކުރަން. ޝުކުރުވެރިވާން އެބަޖެހޭ" ޝިޔާމް ވިދާޅުވިއެވެ.
ކަނޑުފަޅުގެ ނަފާ އެތައް ބިލިއަން ޑޮލަރަކަށް އަރާއިރު، ޝުކުރުވެރިވުމުގެ ގޮތުން ވަރަށް ކުދި ކަންކަން ކުރެވިދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ޕްލާސްޓިކް ފުޅިތައް މޫދަށާއި ގޮނޑުދޮށްތަކަށް ނޭޅުމާއި އެފަދަ އެއްޗެއް ފެނިއްޖެނަމަ އެ އެއްޗެއް ނެގުމަށް އިސްކަން ދިނުން ހިމެނެއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ކަނޑުފަޅަކީ، އަމާނާތެއްކަމަށާއި އެތަންތަން އަންނަން އޮތް ޖީލަށް މިހާރު އޮތް ގޮތަށް ރައްދުކޮށްދޭން ޖެހޭ ކަމަށެވެ.
މި ހަރަކާތުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންގް އެންވައިރަމަންޓް އެންޑް އެނަރޖީ، ތާރިގް އިބްރާހިމާއި، މިނސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިޢު އާއި ރީޖަނަން އެއަރޕޯޓްސް ކޮމްޕަނީ ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރ އަޙްމަދު މުބީންގެ އިތުރުންވެސް ބައެއް އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.



