މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި އަހަރު 17 ދާއިރާއަކުން އެވޯޑު ދިނުމަށް ނިންމާފައިވާ ކަމަށެވެ. ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެ ގޮތުގައި ޒުވާނުންނަށް ދެވޭ ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
ޔޫތު މިނިސްޓްރީން ބުނީ މި އެވޯޑަކީ ތަފާތު ދާ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެއް ކަމަށެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާ ހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެއް ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
މި އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ. މި އިނާމަށް ގޫގުލް ލިންކް ބޭނުންކޮށްގެން އަދި އިންޓަރނެޓްގެ ޒަރިއްޔާއިންވެސް ފޯމު ހުށަހެޅޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން ސޯޝަލް ސެންޓަރުގައި ހުންނަ އެ މިނިސްޓްރީގެ ރިސެޕްޝަނުންވެސް ފޯމު ބަލައިގަންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޔޫތު މިނިސްޓްރީން ވަނީ ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން އެ މިނިސްޓްރީގެ މެއިލް info@youth.gov.mv އަށް ހުށަހެޅުމަށް އެދިފައެވެ.



