ސަރުކާރާއި ކައުންސިލްތަކާއި މުޢާމަލާތްކުރާނެ ފޯކަލް ޕޮއިންޓެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލްތަކަށް ބޭނުންވާ މަޢުލޫމާތު ފަސޭހައިން އަވަހަށް ލިބޭނެ ގޮތަކަށް އަދި ގުޅުންތައް އިތުރަށް ހަރުދަނާ ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ކައުންސިލްތަކާ މުޢާމަލާތުކުރާނެ ފޯކަލް ޕޮއިންޓެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ ސަބަބުން ސަރުކާރާއި ކައުންސިލްތަކާއި އަދި ރައްޔިތުންނާއި އިތުރަށް ގުޅުން ބަދަހިވެ، ސަރުކާރާއި ކައުންސިލްތަކުގެ ދުވެހު ހަލުވި ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ކައުންސިލްތަކާއި ވަރަށް ގާތުންނެވެ. އެގޮތުން އެމަނިކުފާނު ވެރިކަމަށް ހުވާ ކުރެއްވުމުގެ ފަހުގައި މިވީ 6 މަސް ދުވަހުގެ ތެރޭގައި 100 އަށް ވުރެ ގިނަ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ވަނީ ބައްދަލުކުރައްވާފައެވެ.



