ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާ އެގްރިކަލްޗަރ މިނިސްޓަރ އައިޝަތު ރަމީލާ ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
ރަމީލާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިތުރު ސަރޖަރީއެއް ހެއްދެވުމަށާއި، ކީމޯތެރަޕީ އަދި އިމިއުނޯތެރަޕީއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.
ރަމީލާ ފަރުވާ ހޯދަމުން އަންނަނީ މެޓަސްޓޭޓިކް ސީރިއަސް ޕެޕިލަރީ ކާސިނޯމާ ކެންސަރަށެވެ. އެ ބައްޔަށް ފަރުވާ ހޯދުމަށްޓަކައި ރަމީލާ މީގެ ކުރިން ރާއްޖެއިން ބޭރަށްވެސް ވަޑައިގެންނެވިއެވެ.
ރަމީލާއަކީ މި ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މަދު އަންހެން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ.



