ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ހެޔޮ ދުޢާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް އެންމެން އަތު ގުޅާލުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
ޚުތުބާގައި ބުނީ މުސްލިމުންގެ ހައިސިއްޔަތުން ފަލަސްޠީނުގެ ރައްޔިތުންނާމެދު އަދާކުރަން ޖެހޭ އަޚްލާޤީ ވާޖިބުތަކެއް ވާކަމަށެވެ. އެގޮތުން ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއާއި ގުޅިގެން އެހީތެރިވުމަކީ، މުސްލިމުންގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ އަޚުލާޤީ އަދި ދީނީ ވާޖިބެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ޣައްޒާއާއި ރަފަޙާއި ފަލަސްޠީނުގެ އެ ނޫން ވެސް އަވަށްތަކުގައި ޞަހްޔޫނީން ހިންގަމުން ގެންދާ ޢުދުވާނީ ޢަމަލުތަކަކީ ފަލަސްޠީނުގެ ނަސްލު ނައްތައިލުމަށްޓަކައި ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށެވެ. މި ހުރިހައި ޖަރީމާތަކެއް ހިންގަމުން އެ ގެންދަނީ އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންޞާފުގެ ހަމަތަކާއި މުޅީން ޚިލާފަށްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މި ޢުދުވާންތަކުގެ ނަތީޖާއެއްގެ ގޮތުން އެތައް ހާސް ބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ. އެގޮތުން ކުޑަކުއްޖަކަށް އަންހެނަކަށް މުސްކުޅިއަކަށް ބެލުމެއްނެތި ޙަމަލާތައް ދެމުން އަންނައިރު، އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެތައް ބަޔަކުވަނީ ނުކުޅެދޭ ބަޔަކަށް ވެފައި ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ މި އަނިޔާވެރި ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށާއި މި އަނިޔާވެރި ޢުދުވާނީ ޢަމަލުތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
މިއަދު އިސްލާމީ އުންމަތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިވެމުންދަނީ ފަލަސްޠީނުގެ އަޑު ކަމަށާއި ފަލަސްޠީނަކީ ޝާމްކަރައިގެ ބައެއް ކަމަށާއި އެއީ އިސްލާމީ ހިދާޔަތާއި ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ދަޢުވަތާއި އެބޭކަލުންނަށް ބާވައިލެއްވި ފޮތްތަކާއި ގުޅިފައިވާ ފަސްގަނޑެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ނުޙައްޤުން އަނިޔާއެއް ދިނުމަކީ އިސްލާމްދީން މަނާކުރާ ކަމެއް ކަމަށާއި ހަނގުރާމައިގެ އަސީރުންނަށް ވެސް ހެޔޮކޮށް ހިތައި އެމީހުންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަކީ އިސްލާމްދީނުގައި ނުހަނު ބާރު އަޅާފައިވާ ކަމެއް ކަމަށެވެ. ހަނގުރާމައިގެ ޙާލަތުގައިވެސް ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުން ޤަތުލުކުރުމާއި ގަސްގަހާގެހި ހަލާކުކުރުމާއި، ޖަނާވާރުތަށް މެރުން، އިސްލާމްދީނުގައި ނަހީކުރައްވާފައިވާކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެހެން ދީންތަކުގެ އަޅުކަންކުރާތަންތަން ހަލާކުކުރުމާއި، އެ ތަންތަނުގައި އަޅުކަންކުރަން ތިބޭ މީހުން ޤަތުލުކުރުންވެސް ނަހީކުރައްވާކަމަށް ޚުތުބާގައި ބުންޏެވެ.



