ކޮވިޑް-19 ފެތުރުނީ ޗައިނާގެ ލެބޯޓަރީއަކުން ކަމަށް އެމެރިކާގެ މަރުކަޒީ އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) ބުނެފިއެވެ.

ނަމަވެސް މި ނިންމުމުގައި އެ އިދާރާގެ "އިތުބާރު ކުޑަ" ކަމަށް ވެސް ބުނެފައި ވެއެވެ.

ސީއައިއޭގެ ތަރުޖަމާނެއް ބުނި ގޮތުގައި ލިބެން ހުރި މަޢުލޫމާތުތަކަށް ބަލާއިރު، ކޮވިޑް-19 ވައިރަސް ޖަނަވާރުންގެ ކިބައިން އިންސާނުންނަށް އައި ކަމަށްވުރެ ބޮޑަށް ގަބޫލުކުރެވެނީ "ދިރާސާއަކާއި ގުޅިގެން" ފެތުރުނު ކަމަށެވެ.

މި ނިންމުން އާންމު ކޮށްފައި ވަނީ ސީއައިއޭގެ އައު ޑިރެކްޓަރު ޖޯން ރެޓްކްލިފް މަގާމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ނިންމި ނިންމުންތަކުގެ ތެރެއިންނެވެ. ރެޓްކްލިފްއަކީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ނެޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ކުރިން ވެސް ވަނީ ކޮވިޑް-19 ފެތުރުނީ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީން ކަމަށް ބުނެފައެވެ.

ނަމަވެސް، އެމެރިކާގެ މީޑިއާތަކަށް އޮފިޝަލުން ބުނެފައިވާ ގޮތުގައި މި އައު ނިންމުމަކީ އައު އިންޓެލިޖެންސް މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ނޫނެވެ. އަދި މި ނިންމުން ނިންމާފައި ވަނީ ޓްރަމްޕް އިދާރާ ފެށުމުގެ ކުރިން ކަމަށް ވެސް ބުނެފައިވެއެވެ.

ކޮވިޑް-19 ފެތުރުނު ގޮތާއި މެދު މިހާތަނަށް ވެސް އެއްބަސްވުމެއް ނެތެވެ. ބައެއް ފަރާތްތަކުން ބުނަނީ ގުދުރަތީ ގޮތުން ޖަނަވާރުންގެ ކިބައިން އިންސާނުންނަށް އައި ވައިރަހެއް ކަމަށެވެ. އަނެއްބައި ފަރާތްތަކުން ބުނަނީ ލެބޯޓަރީއަކުން ލީކްވެގެން ފެތުރުނީއެވެ. ޗައިނާއިން ވަނީ ލެބޯޓަރީއަކުން ލީކްވި ކަމަށް ބުނާ ބުނުން "ސިޔާސީ މެނިޕިއުލޭޝަނެއް" ކަމަށް ބުނެ ދޮގުކޮށްފައެވެ.