މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ޒަކާތު ފަންޑުން ފައިސާ ޚަރަދުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތައް އިސްލާމިކް މިނިސްޓްރީން ދޮގުކޮށްފިއެވެ.
ޙައްޖުގެ އެންމެ ފަހު ގްރޫޕް މިއަދު ފުރާފައިވާއިރު އެއަރޕޯޓުގައި ހުންނަވާ ދަޢުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޙައްޖުގެ އަޅުކަމާ ގުޅޭ ގޮތުންވެސް ނަފްރަތު އުފެދޭ ޒާތުގެ ވާހަކަތައް ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން ސަރުކާރުގެ ޚަރަދުގައި 1000 ފަޤީރުން ޙައްޖަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުގެ ދަށުން 50 ފަރާތެއް މިފަހަރު ޙައްޖަށް ފޮނުއްވާއިރު، އެ ފަރާތްތަކުން ޙައްޖަށް ފޮނުއްވަނީ ޒަކާތުގެ ފައިސާއިން ކަމަށް ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތައް ޝަހީމް ވަނީ ދޮގުކުރައްވާފައެވެ.
ޝަހީމް ވިދާޅުވީ ޙައްޖު ވާޖިބު ނުވާ ބަޔަކަށް ޙައްޖުގެ ކިޔު ސިސްޓަމްގެ ތެރެއިން ނާޖާއިޒް ގޮތުގައި ޖާގަތަކެއް ހޯދައިދިންކަމަށްބުނެ ވެސް ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުން އަންނަ ކަމަށެވެ. ޝަހީމް ވިދާޅުވީ އެފަދައިން ވާހަކަތައް ފެތުރުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. އަދި ޒަކާތުގެ ފައިސާއިން ފަޤީރުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަހިކޮށްދިނުމަކީވެސް ޝަރުޢީ ގޮތުން އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި 50 ފަޤީރުން މިފަހަރު ޙައްޖަށް ފޮނުއްވީ ހަމަ ސީދާ ދަޢުލަތުގެ ޚަރަދުގައި ކަމަށެވެ.
ޝަހީމް ވިދާޅުވީ އަމިއްލަ ޖަމާޢަތްތަކުން މީހުން ޙައްޖަށް ގެންދިޔަ އިރުވެސް އަދި ޙައްޖު ކޯޕަރޭޝަން އުފެދުނީއްސުރެ ވެސް ދަޢުލަތުގެ ރިޒާވް އަށް 100 ނުވަތަ 50 ވަރަކަށް ކޯޓާ ބަހައްޓާފައިވާނެ ކަމަށެވެ.
"ޤަވާޢިދުތައް ހެދިފައި ހުރި ގޮތުން އަދި ޒަމާނުއްސުރެ ރާއްޖޭގައި މި އޮތް ގޮތުން އަބަދުވެސް އޮންނާނެ ކޮންމެވެސް ވަރަކަށް ކޯޓާ ބަހައްޓާފައި، 50 ވަރަކަށް ކޯޓާ. މިގޮތަށް މިފަހަރު ހުރި ކޯޓާތަކުގެ ތެރެއިން އަޅުގަނޑުމެން އެބޭފުޅުންނަށް އެ މަގު ފަހިކޮށްދިނީ." ޝަހީމް ވިދާޅުވިއެވެ.
ފަޤީރުންނަކީ ޙައްޖު ވާޖިބު ނުވާ ބައެއް ކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި ޝަހީމް ވިދާޅުވީ ހުރިހާ ޒަމާނެއްގައި ވެސް އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރަނގަޅު ކަމެއް ކަމަށާއި އެގޮތުން ދަޢުލަތުގެ ފަރާތުން މިފަހަރު އެ ފުރުޞަތު ތަނަވަސް ކޮށްދިނީ ކަމަށެވެ. އަދި މިފަދަ ކަންކަމަށް ރައްޔިތުން ހިތްވަރު ދިނުމަށް ޝަހީމް ވަނީ ގޮވާލާފައެވެ.
ޝަހީމް ވިދާޅުވީ ރައީސްގެ ވައުދުތަކުގެ ތެރެއިން 6 މަސް ދުވަހުގެ ތެރޭގައި 50 ފަޤީރުން ހައްޖަށް ފޮނުވޭކަމީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.



